ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 259 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިންގެ ޚިދުމަތްދޭ ބީއެމްއެލް އިން އާއްމުކުރި މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން ޖުމްލަ އާމްދަނީގެ ގޮތުގައި 646,1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 95 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެ ބޭންކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިންޓަރެސްޓުން އާމްދަނީގެ ގޮތުގައި 422,3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ފީ އާއި ކޮމިޝަންގެ ގޮތުގައި 150 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެ ބޭންކުން ވަނީ، ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން ނުލިބޭނެ ކަމަށް ބަލައި 99.4 މިލިއަން ރުފިޔާ އުނިކޮށްފަ އެވެ. އެއާއެކު ޓެކްސްއަށް ކެނޑުމުގެ ކުރިން 354,6 މިލިއަން ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. އަދި ބީއެމްއެލް އިން ވަނީ ޓެކްސްގެ ގޮތުގައި 95.9 މިލިއަން ރުފިޔާ ދައްކައިފަ އެވެ.

އެ ބޭންކަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 106,2 މިލިއަން ރުފިޔާ އެވެ.

ބީއެމްއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ ކުއާޓަރުގެ ނަތީޖާ ދައްކާ ގޮތުން ޓެކުހަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 259 މިލިއަން ރުފިޔާ ވަނީ ބޭންކަށް ލިބިފައިވާ ކަމަށެވެ.

"ޕްރޮވިޝަން ޗާޖް އިތުރުވާނެ ކަމަށް ބެލެވޭ ހިނދު މި ނަތީޖާ ކުރިއަށް އޮތް ކުއާޓަރުގެ ހާސިލްނުވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މުޅި އަހަރުގެ މަލީ ނަތީޖާއިން ދައްކައިދޭނެ ކަމަށް ވެސް ނުބެލެވެ އެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ބީއެމްއެލްއިން ބުނީ ކޮވިޑް-19 އާ ގުޅިގެން ބޭންކުގެ ލިކުއިޑިޓީއަށް ނޭދެވޭ އަސަރުކޮށްފައިވީ ނަމަވެސް ބޭންކުން ވަނީ މި ބަލިމަޑުކަމުގެ ސަބަބުން މާލީ ގޮތުންނާއި އިގްތިސާދީ ގޮތުން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެހީތެރިވުމުގެ ގޮތުން 2.2 ބިލިއަން ރުފިޔާއަށް ވުރެ ގިނަ އާ ލޯނު ދޫކޮށްފައި ކަމަށެވެ. އަދި ބޭންކުގެ ލިކުއިޑިޓީ އާއި ކެޕިޓަލް ރޭޝިއޯ ހުރީ ގާނުން ލާޒިމްކުރާ މިންގަނޑަށްވުރެ މަތީ އަދަދެއްގައި ހިފެހެއްޓިފައި ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

"ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ގެއްލުމުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މި ކުއާޓަރުގައި ވެސް ބީއެމްއެލް އިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އާންމު ފަރުދުންނާއި ވިޔަފާރިތަކަށް މާލީ ގޮތުން ކުރިމަތިވެފައިވާ ދަތި ކަމަށް އެހީތެރިވުމަށް ބީއެމްއެލް އިން ނަގާފައިވާ ލޯނު އަދި ފައިނޭންސިން އަށް އަނބުރާ ދައްކަންޖެހޭ ފައިސާ އިތުރު ތިން މަސްދުވަހަށް ވަނީ ފަސްކުރެވިފަ އެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އެ ބޭންކުން ބުނިގޮތުގައި ސަރުކާރުގެ ކޮވިޑް-19 ރިކަވަރީ ސްކީމުގެ ދަށުން އެ ބޭންކުން އަންނަނީ ވިޔަފާރިތަކަށް ލޯނު ވެސް ދޫކުރަމުންނެވެ. މީގެ އިތުރުން ބީއެމްއެލް އިން ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް މާލީ އެހީފޯރުކޮށްދިނުމުގެ ބޭނުމުގައި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އާ އެކު 50 މިލިއަން ޑޮލަރުގެ ފެސިލިޓީއަކާއި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާއެކު ފަސް މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

މިދިޔަ ކުއާޓަރުގެ ނަތީޖާއާ ބެހޭ ގޮތުން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވެފައި ވަނީ އެ ކުއާޓަރުގައި ރަނގަޅު ނަތީޖާއެއް ހޯދިފައިވީ ނަމަވެސް މި އަހަރުގެ ބާކީ ބައިގައި ޕްރޮވިޝަން ޗާޖް ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކުރިއަށް އޮތް ކުއާޓަރުވެސް ވެގެންދާނީ ދަތި އުނދަގޫ ކުއާޓަރައަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެނަސް ބޭންކުން މުޖުތަމައަށް އެހީވުމަށް ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންގޮސް، ކަސްޓަމަރުންނަށް ލުއި ފަސޭހަކޮށްދިނުމަށް މިހާރު ހުރި ޕްރޮޑަކްޓްތަކަށް ބަދަލު ގެނެސް ކަސްޓަމަރުން ބޭނުންވާފަދަ ހިދުމަތެއް ދިނުމުގެ ގޮތުން ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތްކުރަމުންދާނެ. ދިވެހި ރައްޔިތުންނާއެކު ދިވެހިންގެ ބޭންކުގެ ގޮތުގައި މި ބޭންކު ދެމި އޮންނާނެ،" ޓިމް ވިދާޅުވެފައިވެ އެވެ.