އަޕްގްރޭޑް މަސައްކަތަށް ފަހުގައި ބެންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ ސިސްޓަމްތަކުގައި މައްސަލައެއް އުފެދިއްޖެކަމަށް ބީއެމްއެލް އިން ބުނެފި އެވެ.

ބީއެމްއެލް އިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ބޭންކުގެ އޮޕަރޭޝަން ރަނގަޅު ކުރުމަށާއި ސިސްޓަމް ތަކުގެ ސެކިއުރިޓީގެ އިތުރުން ޓެކްނޮލޮޖީ ސްޓޭންޑަޑް ދެމެހެއްޓުމަށްޓަކައި، އެކުންފުނިން ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރެވޭ ކަމަށް ބުނެފަ އެވެ.

މި މަސައްކަތުގެ ދަށުން މިމަހުގެ 21 ވަނަ ދުވަހު ބޭންކުގެ ކޯ ބޭންކިން ސިސްޓަމްގެ އަޕްގްރޭޑްގެ ބޮޑު މަސައްކަތެއް ނިންމާލާފައިވާކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

މި މަސައްކަތަކީ އުނދަގޫ އަދި އެހާމެ ބޮޑު މަސައްކަތެއްކަން ފާހަގަކޮށް ބީއެމްއެލް އިން ވަނީ މިކަމުގެ ސަބަބުން ހިދުމަތްތައް މެދުކެނޑިގެން ދިޔުމަކީ ދުނިޔޭގެ ކޮންމެ ބޭންކަކަށްވެސް ކުރިމަތިވެދާނެ ކަމެއް ކަމަށް ބުނެފަ އެވެ. އަދި މިކަމުގެ ސަބަބުން ސިސްޓަމްތައް ކުޑަ މިންވަރަކަށް މެދުކެނޑިގެންދާނެކަމަށް ހީކުރެވުނު ނަމަވެސް އަޕްގްރޭޑްގެ މަސައްކަތަށްފަހު ދޭތެރެދޭތެރެއިން ސިސްޓަމްތައް މެދުކެނޑުމުގެ މައްސަލަ ދިމާވަމުންދާކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން މިކަން ކުރިޔާލައި ކަސްޓަމަރުންނަށް އަންގާފައިވާނެކަމަށާއި، މި މައްސަލައަށް ވީހައިވެސް އަވަހަކަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

މި ދަނޑިވަޅުގައި ކަސްޓަމަރުން ދޭ އެއްބާރުލުން ފާހަގަކޮށް އެކުންފުން ވަނީ ދިމާވަމުންދާ ދަތިތަކަށްޓަަކަށް މަޢާފަށް އެދިފަ އެވެ.