ސިންގަޕޫރުގައި ހުންނަ ރޮބިންސަންސްގެ ދެ ފިހާރަ، 160 އަހަރު ހިދުމަތްދިނުމަށް ފަހު އެންމެ ފަހުން ބަންދުކުރަން ނިންމައިފި އެވެ.

ރޮބިންސަންގެ މައި ކުންފުނި ކަމަށްވާ އަލް-ފުއްތެއިން އިން ހުކުރު ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ވާގޮތުން ފިހާރަތައް ބަންދުކުރަން ނިންމީ ކޮވިޑް-19 އާ ގުޅިގެން ރީޓެއިލް ވިޔަފާރި ކުރުންތަކަށް އައި ބޮޑު ބަދަލާއި އެކީ ޑިމާންޑް ދަށްވުމުގެ ސަބަބުންނެވެ.

ރޮބިންސަންސް އިން ލިކުއިޑޭޝަން ޕްރޮސެސް ފަށާފައިވާ އިރު މުވައްޒަފުންނަށް ވެސް އެކަން އަންގާފައިވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ ކުންފުނީގެ ސިންގަޕޫރު ގޮފީގައި 175 މުވައްޒަފުން ވަޒީފާ އަދާކުރެ އެވެ. ރޮބިންސަންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ވަޒީފާގެ އެންމެ ފަހު ދުވަހަކަށް ވާނީ ފިހާރަތައް ހުރި ބިމުގެ ވެރިންނާ ކުރެވޭ މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް، ފިހާރަ ހުޅުވިފައި ހުންނަ އެންމެ ފަހު ދުވަހެވެ.

ކޮވިޑް-19 އާއި އެކު ގިނަ މީހުން ވަނީ އޮންލައިންކޮށް ވިޔަފާރިކުރަން ފަށާފަ އެވެ. އެއާއި އެކު ފިހާރަތަކަށް ގޮސްގެން ވިޔަފާރި ކުރާ މީހުންގެ އަދަދު މަދުވުމުން، ފިހާރަތަކަށް އޮންނަ ޑިމާންޑްވެސް ވަނީ ދަށަށް ގޮސްފަ އެވެ. -ޗެނަލް ނިއުސް އޭޝިއާ