އެކި ދާއިރާތަކުން މީހުން ބިނާ ކުރުމަށް ދިރާގުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް ނައިބު ރައީސް ފައިސަލް ނަސީމް ތައުރީފު ކުރައްވައިފި އެވެ.

ދިރާގުގެ މިދިޔަ އަހަރުގެ އެޕްރެޓިސްޝިޕް ޕްރޮގްރާމް ނިންމުމުގެ ގޮތުން ރޭ ކްރޮސް ރޯޑްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މީހުން ބިނާ ކުރުމަކީ ސަރުކާރުން އެންމެ އިސްކަން ދޭ އެއް ކަންތަކަށް ވާއިރު މިކަމުގައި ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެ ވެސް އެއްބާރުލުން ބޭނުންވާ ކަމަށެވެ. އެގޮތުން، މިކަމުގައި ދިރާގުން ކުރާ މަސައްކަތަކީ ފާހާގަ ކޮށްލެވޭ މަސައްކަތެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.

"ގައުމުގެ ތަރައްގީ އަށް އޮތް އެންމެ މުހިންމު ކަމަކީ މީހުން ބިނާ ކުރުން. އަޅުގަނޑުމެންނަށް ދިރާގުގެ ތާރީހުން ފެނުނު ޓްރެއިނިން އާއި މަސައްކަތްތައް ދަސްކޮށްދިނުމާއި އުނގެނުމުގެ ފުރުސަތުތައް ހޯދައިދީގެން ވަރަށް ރަނގަޅު ޓީމެއް ބިލްޑުވެގެން އައިތަން،" ނައިބު ރައީސް ވިދާޅުވި އެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި މިދިޔަ އަހަރު ބައިވެރިވި ދަރިވަރުންގެ ދަސްވެނިމުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް އާއި ދިރާގުގެ އިސްވެރިން ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: ދިރާގު

ފައިސަލް ވިދާޅުވީ ދިރާގަކީ ކުރިން ފެށިގެން ވެސް ހިދުމަތްތައް އެންމެ ރަނގަޅު އެއް ކުންފުނި ކަމަށެވެ. އަދި އެ ކުންފުނިން މީހުން ބިނާ ކުރުމަށް ކުރާ މަސައްކަތުގެ ނަތީޖާއަކީ ރަނގަޅު ޓީމެއް ބިނާވެ، ހިދުމަތްތައް އިތުރަށް ފުރިހަމަވުން ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ ސީއީއޯ އިސްމާއީލް ރަޝީދު ވިދާޅުވީ އެ ޕްރޮގްރާމު މާލެ ސަރަހައްދުގެ އިތުރުން އަތޮޅު ތެރޭގައި ސެންޓަރުތަކުގައި ވެސް ހިންގާ ކަމަށެވެ.

"ދިރާގުގެ އަމާޒަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހެލުންތެރިކޮށް، ވަޒީފާގެ ތަޖުރިބާ ހޯދުމުގެ ފުރުސަތުދީ ކަމުވޮށިގެންވާ މަސައްކަތްތެރި ބަޔަކަށް ހެދުން،" ސީއީއޯ ވިދާޅުވި އެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި މިދިޔަ އަހަރު ބައިވެރިވި ދަރިވަރުންގެ ދަސްވެނިމުމުގެ ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވާހަކަދައްކަވަނީ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ތަފާތު ދާއިރާތަކުން ޒުވާނުން ތަމްރީން ކުރުމަށް 2009 ވަނަ އަހަރުން ފެށިގެން ދިރާގުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިހާތަނަށް ޖުމްލަ 228 ބައިވެރިން ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށްފަ އެވެ.

ދިރާގުން ވަނީ މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމު ވެސް މިހާރު ފަށައިފަ އެވެ. މި ޕްރޮގްރާމުގައި 14 ދަރިވަރުން ބައިވެރިވެ އެވެ. މިދިޔަ އަހަރުގެ ޕްރޮގްރާމުގައި 17 ދަރިވަރަކު ވަނީ ގްރެޖުއޭޓްވެފަ އެވެ.