ޅ. މަޑިވަރުގައި އަލަށް ތަރައްގީކުރާ އެއާޕޯޓުގެ މަސައްކަތް ނިންމައި، އަންނަ ޑިސެމްބަރު 31ގެ ކުރިން ހުޅުވަން މުއްދަތު އިތުރުކޮށްދީފައިވާ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މަޑިވަރު އެއާޕޯޓަކީ ޅ. އަތޮޅުގައި ގިނަ އަދަދެއްގެ ރިސޯޓު ހިންގަވާ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ ހިއްސާ އޮންނަ ކުރެއްދޫ ހޯލްޑިންގްސްއިން ތަރައްގީކުރާ އެއާޕޯޓެކެވެ.

އެ ރަށުގައި އެއާޕޯޓެއް ހެދުމުގެ އެއްބަސްވުމުގައި އެ ކުންފުންޏާއެކު ދިވެހި ސަރުކާރުން ސޮއިކުރީ މެއި 29، 2018 ގަ އެވެ.

ޅ. މަޑިވަރުގައި ކުރެއްދޫ ހޮލްޑިން އިން ތަރައްގީކުރާ ޑޮމެސްޓިކް އެއާޕޯޓު: މި އެއާޕޯޓުގެ ގިނަ މަސައްކަތްތައް މިހާރު ވަނީ ނިންމާފައި.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އާއި އެ ނޫންވެސް ގިނަ މަޝްރޫއުތަކެއް ހިންގި ޗައިނާގެ ބީޔޫސީޖީއާ ހަވާލުކޮށްގެން ހަދާ މަޑިވަރު އެއާޕޯޓު ހުޅުވޭނެ ތާރީޚަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލްހަކީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވީ، މަޑިވަރު އެއާޕޯޓު މިއަހަރު ނިމުމުގެ ކުރިން ހުޅުވުމަށް މުހުލަތެއް ދީފައިވާނެ ކަމަށެވެ.

ޅ. މަޑިވަރުގައި ކުރެއްދޫ ހޮލްޑިން އިން ތަރައްގީކުރާ ޑޮމެސްޓިކް އެއާޕޯޓު: މި އެއާޕޯޓުގެ ގިނަ މަސައްކަތްތައް މިހާރު ވަނީ ނިންމާފައި.

"މަޑިވަރު އެއަރޕޯޓް ހުޅުވުމަށް މިހާރު ވަގުތު ދެވިފައިވާނީ 31 ޑިސެމްބަރާއި ހަމައަށް،" އިތުރު ތަފުސީލެއް ނުދެއްވައި މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

މަޑިވަރުގައި ތަރައްގީކުރަނީ 1،200 މީޓަރުގެ ރަންވޭއެއް ހިމެނޭ އެއާޕޯޓެކެވެ. އެ މަޝްރޫއުގެ ދަށުން ޓާމިނަލާއި، އެއާ ކްރާފްޓްތައް ޕާކުކުރުމަށް ޚާއްސަ ސަރަޙައްދާއި، ފަޔާ ބިލްޑިންގެއް ހެދުން ހިމެނެ އެވެ. އެ އެއާޕޯޓުގެ ރަންވޭ އާއި ގިނަ އިމާރާތްތަކުގެ މަސައްކަތް ވެސް މިހާރު ވަނީ ނިމިފަ އެވެ.

ޅ. މަޑިވަރުގައި ކުރެއްދޫ ހޮލްޑިން އިން ތަރައްގީކުރާ ޑޮމެސްޓިކް އެއާޕޯޓު: މި އެއާޕޯޓުގެ ގިނަ މަސައްކަތްތައް މިހާރު ވަނީ ނިންމާފައި.

ގިނަ އަދަދެއްގެ ޓޫރިސްޓު ރިސޯޓުތަކެއް ހިމެނޭ ސަރަހައްދުގައި ހަދާ އެއާޕޯޓުގެ އިތުރުން މަޑިވަރުގައި ސިޓީ ހޮޓަލެއް ވެސް ހެދުން ހިމެނެ އެވެ.

މަޑިވަރު އެއާޕޯޓް އޮޕަރޭޝަނަށް ގެންނަން ތައްޔާރީތައް ވަމުން އަންނަ ކަމަށް ކުރެއްދޫ ހޮލްޑިން އިން ބުނެފައިވެ އެވެ. އަދި އެ އެއާޕޯޓް ހިންގާނެ ބަޔަކު ހޯދުމުގެ މަސައްކަތް ވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.