ކުރިޔަށް އޮތް ޓޫރިސްޓު ސީޒަނާ ދިމާކޮށް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އިތުރު ސީޕްލޭނެއް މިއަދު ގެނެސްފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ބުނީ އަލަށް ގެނައި ޑި ހެވިލަންޑް ޑީއެޗްސީ- 6 މަރުކާގެ ޓުވިން އޮޓާ އެއާކްރާފްޓް ވެލާނާ އިންޓަނޭޝަނަލް އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އަދި އެ ބޯޓު ރާއްޖެ އައީ އިންޑޮނޭޝިއާ އިން ފުރައިގެންނެވެ.

ޓީއެމްއޭ އިން ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް އެއާކްރާފްޓެއް ރާއްޖެ ގެނެސްފަ އެވެ. އަދި ޓީއެމްއޭގައި ބޭނުންކުރާ ސީޕްލޭންގެ އަދަދު 60 އަށް އަރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ޓީއެމްއޭ އިން ބުނީ ރާއްޖޭގެ މުހިންމު ގިނަ މާކެޓުތަކެއް ހުޅުވުމާއެކު މި އަހަރު ފެންނަނީ ހަލަބޮލި ސީޒަނެއްގެ ގޮތުގައި ކަމަށެވެ.

ޓީއެމްއޭ އިން އަލަށް ގެނައި ސީޕްލޭން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. ފޮޓޯ: ޓީއެމްއޭ

"ރާއްޖެއަށް އަންނަ ޓޫރިސްޓުން ރިސޯޓުތަކަށް ދިއުމަށް އެންމެ ބޮޑަށް ބޭނުންވަނީ ސީޕްލޭންގައި. އާ ރިސޯޓުތަކެއް ހުޅުވި ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ އަދި މިހާރު ހުރި ރިސޯޓުތަކަށް ވެސް ޓީއެމްއޭ އިން މަސައްކަތްކުރަނީ ފަސޭހަ ކަމާއެކު ޓޫރިސްޓުން އުފުލުމުގެ ހިދުމަތް ދޭން،" އެ ކުންފުނިން ބުންޏެވެ.

ޓީއެމްއޭ އިން އަލަށް ގެނައި ސީޕްލޭން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. ފޮޓޯ: ޓީއެމްއޭ

ޓީއެމްއޭ އިން ބުނީ އެ ކުންފުނިން މިހާރު ދުވާލަކު 300 އަށް ވުރެ ގިނަ ދަތުރު، ރާއްޖޭގެ 80 އަށްވުރެ ގިނަ ރިސޯޓަށް ކުރަމުން އަންނަ ކަމަށެވެ. އަދި ޓީއެމްއޭ އިން މަސައްކަތްކުރަނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި އަދާކުރާ މުހިންމު ދައުރު އިތުރަށް ހަރުދަނާކުރުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.