"ދޮންގޮއްޔެ" ބްރޭންޑްގެ އުފެއްދުން ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.

އެކި ބާވަތުގެ ކާބޯތަކެތި ވިއްކާ މި ބްރޭންޑްގެ އުފެއްދުންތައް ވިއްކުން ރާއްޖޭގައި މަނާކޮށް އެ އޮތޯރިޓީން ނެރުނު ނޫސްބަޔާނެއްގައި އެ ބްރޭންޑާ ދެކޮޅަށް ބަޔަކު ޝަކުވާ ހުށަހެޅިކަން ފާހަގަކުރައްވައިވެ އެވެ. އަދި އެ އޮތޯރިޓީން ބުނީ ދޮންގޮއްޔެ ބެރޭންޑްގެ ކާބޯތަކެތި އުފައްދާ ތަން އިންސްޕެކްޓް ކުރި ކަމަށް ވެސް ބުނެފައިވެ އެވެ.

އިންސްޕެކްޓް ކުރުމުގެ ތެރެއިން ސާފުތާހިރުކަން ކުޑަކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ދޮންގޮއްޔެ ބްރޭންޑްގެ ކާބޯތަކެތި ބަންދުކޮށް ތައްޔާރުކުރާ ތަން އިސްލާހު ނުކޮށް އެ ތަކެތި ބޭނުންކުރުމަކީ އާއްމު ސިއްހަތަށް ނޭދެވޭ އަސަރުކުރުވާ އަދި އެ ކާބޯތަކެތީގެ ޒަރީއާއިން ބައްޔެއް ފެތުރިދާނެ ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.

ފުޑް އޮތޯރިޓީން ވަނީ މިހާތަނަށް ބާޒާރުގައި ވިއްކަން ހުރި އެ ބްރޭންޑުގެ އުފެއްދުންތައް ވިއްކުން މަނާކޮށްފަ އެވެ. އަދި އެ ތަކެތި ބޭނުން ނުކުރުމަށް ވެސް އެ އޮތޯރިޓީން އިލްތިމާސްކޮށްފައިވެ އެވެ.