އެސްޓީއޯއިން އެތެރެކުރާ ކޮންސްޓްރަކްޝަން ސާމާނު ރަށްރަށުގައި ވިއްކަން 60 އެޖެންޓުން ހަމަޖައްސައިފި އެވެ.

އެސްޓީއޯއިން ކޮންސްޓްރަކްޝަން ސާމާނު ވިއްކުމަށް އެޖެންޓުން ހޯދަން އިއުލާންކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ރޭ ވިދާޅުވީ، އެ ކުންފުނިން އަބަދުވެސް ކުދި ވިޔަފާރިތައް ކުރިއެރުވުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އެގޮތުން ކޮންސްޓްރަކްޝަން އެޖެންޓުކަން ކުރަން ބޭނުންވާ ފަރާތްތަކަށް އެސްޓީއޯއިން އެ ފުރުސަތު ހުޅުވާލި ކަމަށައި މިހާތަނަށް 60 ފަރާތަކަށް އެޖެންޓުކަން ކުރުމުގެ ހުއްދަ ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިވަގުތު އަޅުގަނޑުމެން ހުޅުވާލާފައި އޮންނާނެ ކޮންސްޓްރަކްޝަން އެޖެންޓުކަން ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު. އަޅުގަނޑުމެން ބޭނުން ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ފަސޭހަކަމާއިއެކީ ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އެ ވިޔަފާރިތަކަށް ވަދެ ވިޔަފާރި ކުރެވުން،" އަމްރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޖެންޓުކަމަށް ހޮވި ފަރާތްތަކުގެ ތެރޭގައި ކުރިން ކޮންސްޓްރަކްޝަން ވިޔަފާރި ނުކުރާ ފަރާތްތައް ވެސް ހިމެނޭ ކަމަށާއި އަދި މިހާރު އެ ފަރާތްތަކުން ވަރަށް ރަނގަޅަށް ކޮންސްޓްރަކްޝަން މެޓީރިއަލް ވިޔަފާރިކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ރަށްރަށުގައި ތިބޭ އެޖެންޓުންގެ މަސައްކަތަކަށް ވާނީ އެސްޓީއޯއިން ވިއްކާ ކޮންސްޓްރަކްޝަން ސާމާނު ކަނޑައަޅާފައިވާ އަތޮޅުތަކުގައި ވިއްކުމެވެ. އެގޮތުން ވިއްކާނީ ސިމެންތި، ހިލަ، ހިލަވެލި، ދަގަނޑު، ފްލައިވުޑް، ދަގަނޑު، ހޮޅީގެ އިތުރުން ޓިނު އަދި ޓިނާ ބެހޭ ސާމާނެވެ.