ދެކުނު ހިމެނޭ ގޮތަށް މުޅި ރާއްޖޭގެ މަސްވެރިކަން ތިޔާގިވެ މިފްކޯއަށް ބާރު ބޮޑުވެއްޖެ އެވެ.

އެ ކުންފުނިން މިއަދު ބުނީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 800 ޓަނާ ގާތްކުރާ އަދަދަކަށް މަސް ލިބޭ ކަމަށެވެ.

މިފްކޯއިން ބުނީ އިއްޔެ އެކަނި ވެސް ދެކުނުގެ ސަރަހައްދުން 750 ޓަނަށް ވުރެ ގިނަ އަދަދަކަށް މަސް ކިރާފައިވާ ކަމަށެވެ. އަދި އުތުރުން ހއ. އަތޮޅުން 45 ޓަނަށް ވުރެ ގިނަ އަދަދަކަށް މަސް ކިރާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ ތެރެއިން 700 ޓަނާ ގާތްކުރާ އަދަދަށް މިފްކޯއިން މަސް ގަނެފައިވާ ކަމަށް މިފްކޯއިން ބުންޏެވެ.

ގިނަ އަދަދަކަށް މަސް ބާނާތީ މި ދުވަސްވަރު މަސް ކިރުމަށް ވެސް ވަނީ ލޯޑު ބޮޑުވެފަ އެވެ. ނަމަވެސް މަސްވެރިން ބާނާ މަސް މިފްކޯއިން ގަންނަނީ މިފްކޯގެ ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި މިފްކޯގެ މަސްކިރާ ބޯޓު މަހާ ކަލަމިންޖާއިންނެވެ.

މިފްކޯ އިން ބުނީ ދެކުނުގެ ބައެއް ރަށްރަށުގެ ބަނދަރުން ވެސް މަސްގަންނަ ކަމަށެވެ. އެގޮތުން ފަރެސް މާތޮޑާ އާއި ފުވައްމުލަކާއި ގައްދޫގެ ބަނދަރުން މަސްކިރާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މުޅި ރާއްޖޭގެ މަސްވެރިކަން ތިޔާގިވެ ގިނަ ދޯނިތަކުން ބާނާ މަހުގެ އަދަދު އެތައް ޓަނަކުން އިތުރުމާއެކު މިފްކޯއިން ވަނީ ރާއްޖޭގައި ހަރަކާތްތެރިވާ މަސްވެރިކަމުގެ ދެ ކުންފުންޏަކާ ގުޅިގެން މަސްވެރިންގެ އަތުން މަސްގަތުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

މަސްވެރިން ޖަމިއްޔާއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި އެންމެ ގިނަ އަދަދަކަށް މަސް ބޭނި އެއް ދޯންޏަކީ ގދ. މަޑަވެލީ ޓީއެސް ލައިން ދޯންޏެވެ.

އެ ދޯނިން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 50 ޓަނުގެ މަސް ކިރުވާފައިވެ އެވެ. މިދިޔަ ހަފްތާގައި 105 ޓަނަށް ވުރެ ގިނަ މަސް އެ ދޯނިން ކިރާފައިވެ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ދެކުނުގެ މަސްވެރިކަން ތިޔާގިވެ ގިނަ ދޯންޏަކުން ވެސް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 15 ޓަނާއި 20 ޓަނާ ދެމެދު އަދަދަކަށް މަސް ކިރާފައިވެ އެވެ.