މިއަހަރުގެ މިހާތަނަށް ޔޫއޭއީގެ އެމިރޭޓްސް އެމިރޭޓްސް އެއާލައިނުން 224,353 މީހުން ރާއްޖެއަށް އުފުލައިދީފި އެވެ.

މިއީ މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަސިންޖަރުން ރާއްޖެއަށް އުފުލައިދިން އެއާލައިނެވެ. އެ އެއާލައިނުން ވަނީ ޖެނުއަރީ 1ން މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއާ ދެމެދު 2,588 ދަތުރުކޮށްފަ އެވެ. އެމިރޭޓްސް އިން މިހާރު ވެސް ދުވާލަކު ފަސް ދަތުރުކުރެ އެވެ.

އެމިރޭޓްސްއަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ ދަތުރުކުރާ އެއާލައިނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނައަށް އެންމެ ގިނަ ދަތުރުތައް ކުރަނީ ގަތަރުގެ ގައުމީ އެއާލައިން ގަތަރު އެއާވޭސް އެވެ. އެ އެއާލައިނުން އެކަނި 193,720 މީހުން ރާއްޖެއަށް ދަތުރުކޮށްފައިވެ އެވެ. ދުވާލަކު އެވްރެޖްކޮށް ހަތަރު ދަތުރުކުރާ އެއާލައިނުން މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއާ ދެމެދު 2,212 ދަތުރުކޮށްފައިވެ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ތިންވަނަ އަށް އެންމެ ގިނަ މީހުން އުފުލައިދީފައި ވަނީ އިންޑިއާގެ ބަޖެޓް އެއާލައިން އިންޑިގޯ އިންނެވެ. އެއާލައިނުން ވެސް 154,664 ފަސިންޖަރުން ދަތުރުކޮށްފައިވެ އެވެ. އެ އެއާލައިނުން ރާއްޖެއާ ދެމެދު 2,244 ދަތުރުކޮށްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މޯލްޑިވިއަން ހިމެނޭ ގޮތުން ރާއްޖެއަށް މިހާރު ޝެޑިއުލް 28 އެއާލައިނަކުން ދަތުރުކުރެ އެވެ. އަދި އެ އެއާލައިންތަކުން ޖުމްލަ 1,202,984 މީހުން ރާއްޖެއަށް ދަތުރުކޮށްފައިވެ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން 11 އެއާލައިނަކުން 766 ޗާޓަރު ދަތުރު ރާއްޖެއަށް ކޮށްފައިވެ އެވެ. އެގޮތުން 51,998 މީހުން އުފުލާފައިވެ އެވެ.