ކޮވިޑް-19 އާ ގުޅިގެން ބަންދުކުރި ރިސޯޓުތަކުގެ ތެރެއިން އަންނަ މަހުގެ ނިޔަލަށް 146 ރިސޯޓެއް އަލުން ހުޅުވާނެ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) ބުނެފި އެވެ.

ސަރުކާރުގެ މާކެޓިން ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ރިސޯޓުތައް އަލުން ޓޫރިސްޓުންނަށް ހިދުމަތްދޭން ހުޅުވާލަނީ ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ސިއްކީ ރައްކާތެރިކަމުގެ މިންގަނޑުގެ ތެރެއިން ކަމަށެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު އަލުން ޖުލައި 15ގައި ހުޅުވުމުން މިހާތަނަށް 43 ރިސޯޓު ހުޅުވައިގެން އަންނަނީ ހިދުމަތް ދެމުންނެވެ. އޭގެ ތެރޭގައި ކުޑަފުށި އަދި ލިލީ ބީޗް، ލަކްސް ނޯތު، އޯބްލޫ ބައި އެޓްމޮސްފިއާ، ސޮނޭވާ ފުށި، އަންގްސާނާ ރިސޯޓް، ވަރުބައި އެޓްމޮސްފިއާ، ޖުމެއިރާ ވިޓަވެލި، ވެލާ ޕްރައިވެޓް އައިލެންޑް އަދި ފޯ ސީޒަންގެ ދެ ރިސޯޓު ހިމެނެ އެވެ.

އެމްއެމްޕީއާރުސީން ބުނީ މިދިޔަ އޮގަސްޓްމަހު ވެސް 28 ރިސޯޓު އަލުން ހުޅުވައިގެން ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އަދި މިމަހުގެ ތެރޭގައި އިތުރު 29 ރިސޯޓު ހުޅުވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

އެމްއެމްޕީއާރުސީން ބުނީ އަންނަ މަހު ހުޅުވާ 46 ރިސޯޓުގެ ތެރޭގައި އައުޓްރީގާ ކޮނޮއްޓާ، ރީތިފަރު، ނިޔާމަ ޕްރައިވެޓް އައިލެންޑް ވެސް ހިމެނޭ ކަމަށެވެ. އަދި އިނގިރޭސިވިލާތުގެ ޓޫރިސްޓުންނަށް ފިނި މޫސުމުގައި ޗުއްޓީ ހޭދަކޮށްލަން ފުރުސަތު ލިބޭ ގޮތަށް ރިސޯޓުތައް ހުޅުވާލާއިރު ކޮވިޑް-19 ސޭފް ޓޫރިޒަމް ގައިޑްލައިނެއް އެކުލަވާލާފައިވާ ކަމަށާއި އޭގެ އިތުރުން ޓޫރިސްޓުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ޓޫރިޒަމް މިނިސްޓްރީން ހައިޖީން ސެޓިފިކޭޝަން ޕްރޮގްރާމެއް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އަންނަ މަހު 94 ޕަސެންޓް ރިސޯޓް އަލުން ހުޅުވާލާއިރު ރާއްޖެ ވަނީ ޓޫރިސްޓުންނަށް މަރުހަބާކިޔަން ފުރިހަމައަށް ތައްޔާރުވެފައި ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި މިވަގުތު 40 އަށް ވުރެ ގިނަ ރިސޯޓު އަލުން ހުޅުވާފައިވާއިރު ނޮވެމްބަރު މަހުގެ ނިޔަލަށް އިތުރު 103 ރިސޯޓު ހުޅުވާލާނެ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް އިންތިޒާރުކުރަން އިނގިރޭސިވިލާތުން އަންނަ ޓޫރިސްޓުންނަށް،" ތޮއްޔިބު ވިދާޅުވި އެވެ.