ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހޯމް ލޯންގެ ރޭޓް 9 ޕަސެންޓަށް ދަށްކޮށްފި އެވެ.

މި ބަދަލާއެކު މިއީ ރާއްޖޭގައި ހޯމްލޯން ދޫކުރާ އެންމެ ކުޑަ ރޭޓެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބުނީ ކަސްޓަމަރުން އަލަށް އެދި ހުށަހަޅާ ލޯނާއި އެހެން މާލީ އިދާރާއަކުން ނަގާފައިވާ ލޯނެއް ރީފައިނޭންސްކުރުމަށް އެދި ހުށަހެޅުމުން މިހާރު ކަނޑައަޅާފައިވާ ކުޑަ ރޭޓުގައި ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ބޭންކުން ބުނީ ބީއެމްއެލް ހޯމް ލޯން މެދުވެރިކޮށް ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ރަށަކުން ވެސް އެޕާޓްމަންޓް ނުވަތަ ރޯހައުސް ގަނެވޭނެ ކަމަށެވެ. މި ލޯން އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.

ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ މިވަގުތު ބޭންކު މިއޮތީ ލޯން ޕޯޓްފޯލިއޯގައި ހިމެނޭ ލޯނުތަކެއްގެ ރޭޓް ދަށްކުރެވޭނެ ހާލަތެއްގައި އުފަލާއެކު ފާހަގަކުރާ ކަމަށެވެ.

"ދިވެހިރާއްޖޭގައި އެންމެ ކުޑަ އިންޓަރެސްޓް ރޭޓުގައި ބޭންކުން ހޯމް ލޯނު ދޫކުރަން ހަމަޖެހުމާއެކު ގެދޮރު ގަތުމަށް ބޭނުންވާ ކަސްޓަމަރުންނަށް މިކަމުގެ ސަބަބުން އެކަށީގެންވާ އަދަދެއްގެ ފައިސާ ފަހަށް ރައްކާކުރެވިގެންދާނެ. މިސާލަކަށް ދަންނަވާނަމަ، ތިން މިލިއަން ރުފިޔާގެ ލޯނަކުން ގާތްގަނޑަކަށް 500،000 ރުފިޔާ ރައްކާކުރެވޭނެ. މީގެ އިތުރުން އަޅުގަނޑުމެން މިވަނީ ކިޔަވާ ލޯނުގެ ރޭޓް ދަށްކޮށް ލައިފް ސްޓައިލް ލޯނުގެ ޝަރުތުތަކަށް ވެސް މިވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައި،" ޓިމް ވިދާޅުވި އެވެ.

ބޭންކުން މިވަނީ މަތީ ތައުލީމް ހާސިލްކުރުމަށް ބޭނުންވާ މާލީ އެހީތެރިކަންފޯރުކޮށްދިނުމުގެ ގޮތުން ދޫކުރާ ކިޔަވާ ލޯނުގެ ރޭޓް ވެސް ނުވަ ޕަސެންޓަށް ދަށްކޮށްފަ އެވެ. އަދި މީގެ އިތުރުން ލައިފް ސްޓައިލް ލޯނުގެ ޝަރުތަކަކަށް ބަދަލު ގެނެސް ކަސްޓަމަަރަށް ލިބޭ ހުރިހާ އާމްދަނީއަކަށް ބަލައި ލައިފް ސްޓައިލް ލޯނު ދޫކުރާ ގޮތަށް ވެސް މިވަނީ ހަމަޖައްސާފަ އެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އަލަށް ކަނޑައެޅުނު ރޭޓްތަކަށް އަމަލުކުރަމުންދާނެ އެވެ.

ބީއެމްއެލް އިސްލާމިކް އިން ޝަރީޢާ ހަމަތަކުގެ މަތިން ދޫކުރާ ފައިނޭންސިން ޕްރޮޑަކްޓްތަކަށް ވެސް މި ބަދަލުތައްވަނީ ގެނެސްފަ އެވެ.

ކަސްޓަމަރުންނަށް ލޯނަށް އެދި ހުށަހެޅުން އިތުރަށް ފަސޭހަ ކުރުމުގެ ގޮތުން ބޭންކުން މިވަނީ ރަހުނަކާ ނުލާ ދޫކުރާ ހުރިހާ ޕަރސަނަލް ލޯނުތަކަށް އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ މެދުވެރިކޮށް ހުށަހޭޅޭ ގޮތް ހަމަޖައްސާފަ އެވެ. މިގޮތުން ވެހިކަލް ލޯނު، ލައިފްސްޓައިލް ލޯނު އަދި ގްރީން ލޯނަށްވެސް މިހާރު އޮންލައިންކޮށް އެދި ހުށަހެޅޭނެ އެވެ.