ސ. ގަން އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 264.1 މިލިއަން ރުފިޔާގެ ލޯނެއް ނަގަން ނިންމައިފި އެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ)އިން ވަނީ އެ މަޝްރޫއުގެ ދަށުން ފަޅުހިއްކައި، ބިން ހިއްކައި އަދި ގޮނޑުދޮށް ހިމާޔަތްކުރުމާއި، މަރާމާތުކޮށް އެއާޕޯޓް އަޕްގްރޭޑްކުރަން ނިންމައިފަ އެވެ.

އެ މަޝްރޫއަށް ބީއެމްއެލް އިން 264,129,180.00ރ.ގެ ލޯނު ނަގަން ނިންމާފައި ވަނީ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެންނެވެ.

އައިލްސް ވެބްސައިޓްގައިވާ ގޮތުން އެ މަޝްރޫއުގެ ދަށުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ހިންގާ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އިތުރަށް، ސ. ގަން އިންދެވޭ ހިދުމަތްތައް އިތުރުކުރުމާއި ރަނގަޅު ކުރުމަށް ނިންމާފައިވެ އެވެ.

އެ ގޮތުން ކުންފުނިން ވަނީ އެއާޕޯޓް ޑިވެލޮޕްމެންޓް ޕްލޭންއެއް ނިންމާއި ކުންފުނީގެ ޝެއާ ހޯލްޑަރުންނާ ވެސް ހިއްސާކޮށްފަ އެވެ.

އެ ކުންފުނީގައި އެމްއޭސީއެލްގެ 10 ޕަސެންޓް ހިއްސާ އާއި ސަރުކާރުގެ 60 ޕަސެންޓާއި ކާސާ ހޯލްޑިންސްގެ 30 ޕަސެންޓް ހިއްސާ އޮވެ އެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ބުނެފައި ވަނީ އެ މަޝްރޫއު ހިންގަން ނިންމާފައި ވަނީ އިންޑިއަން އެގްޒިމް ބޭންކް މެދުވެރިކޮށް ކަމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. ނަމަވެސް ބީއެމްއެލް އިން އެ ލޯނު ނަގަން ނިންމީ ކީއްވެގެން ކަމެއް ބުނެފައެއް ނުވެ އެވެ.

މިކަމާ ގުޅޭ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ބުނެފައިވާ ގޮތުގައި އެ މަޝްރޫއަކީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. އަދި އެ މަޝްރޫއުގައި ހިމެނޭ އައިސާގޯ ސެޓިފިކޭޝަންގެ މަސައްކަތް ކުރުމަށް ބޭރުގެ ކޮންސަލްޓެންޓެއް ހޯދައި އެކަމުގެ އަމަލީ މަސައްކަތް މިދިޔަ އަހަރުގެ މެއި 21ން ފެށިގެން ކުރިޔަށް ގެންދާ ކަަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

"ޕްރޮޖެކްޓްގައި ދެން ހިމެނޭ ބައިތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑިއަން އެގްޒިމް ބޭންކް މެދުވެރިކޮށް ކަމުން، ބޭންކަށް ހުށަހަޅަންޖެހޭ ރިޕޯޓް އިންޑިއަން އެއާޕޯޓްސްގެ ފަރާތުން ހުށަހެޅުމުން އަމަލީ މަސައްކަތް ފެށިގެންދާނެ ކަމުގައި ދަންނަވަމެވެ." އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ބުނެފައިވެ އެވެ.

އޭއައިއޭ ހިންގާ ގަން އެއާޕޯޓު ތަރައްގީ ކުރުމަށް އެކުލަވާލާފައިވާ ޑިވެލޮޕްމެންޓް ޕްލޭނުގައި 2020-2025 އަށް 15 މިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. އެ ފައިސާ ހޯދުމަށް ބައިނަލްއަގުވާމީ އިދާރާތަކުން ފައިނޭންސް ހޯދުމަށް ނުވަތަ ކޮންޓްރެކްޓް ފައިސޭންސް އުސޫލުން މާލީ އެހީ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަސްކުރަން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން މިދިޔަ އަހަރުގެ ޖުލައި މަހު ނިންމާފައިވެ އެވެ.

އެސްއޯއީ ކޮމިޓީން ވަނީ، ގެއްލުމުގައި ހިންގާ އޭއައިއޭ އަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށްޓަކައި ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީން މަސައްކަތް ކުރުމަށް ވެސް އެދިފަ އެވެ.