ހުޅުމާލޭގެ ދެވަނަ ފިޔަވަހީ މި ސަރުކާރުން ފުރަތަމަ އަޅަން ނިންމި 2،500 ހައުސިން ޔުނިޓް މަޝްރޫއަށް ފައިސާ ނުލިބި ޕްރޮޖެކްޓް ހުއްޓިއްޖެ އެވެ.

އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދުގެ ދަށުން މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ބިންގާ މާޗް 10، 2020 ގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ކުރީގެ ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ވަނީ އަޅައިފަ އެވެ.

މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްފައިވާ ފްލެޓުތައް އިމާރަތްކުރަން ހަވާލުކޮށްފައި ވަނީ ޗައިނާގެ ސިނޯ ހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. އެ މަސައްކަތަށް 133،237،000 ޑޮލަރު ހަރަދުވާއިރު، ދެ އަހަރުގެ ތެރޭގައި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ނިންމާލެވޭނެ ކަމަށް މިނިސްޓަރު އަސްލަމް އެ ދުވަހު ވިދާޅުވި އެވެ.

އެ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްގެން 2،500 ހައުސިން އަޅަން ނިންމި ނަމަވެސް، ފަހުން މި ސަރުކާރުން ވަނީ އެ މަޝްރޫއަށް ބޮޑެތި ބަދަލުތަކެއް ގެނެސް 1،700 ފްލެޓަށް މަދުކޮށްފަ އެވެ. އެގޮތުން ނިންމީ އަލަށް އުފެއްދި ފަހި ދިރިއުޅުން ކޯޕަރޭޝަނާ ގުޅިގެން އެތަނުގައި 15 އަދި 16 ފްލޯ ހިމެނޭ ގޮތަށް 11 ޓަވަރު ހަދާ ގޮތަށެވެ.

އެ މަޝްރޫއަށް 308,177,181.00ރ. ބަޖެޓްކޮށްފައިވެ އެވެ. އަދި އެ މަޝްރޫއު ހުއްޓުނީ ޕްރޮޖެކްޓް ނުފެށި ދިގުލައިގެން ދިއުމުން ބޭންކުން ލޯނު ނުދޭން ނިންމުމުން ކަމަށް "ހުރިހާ"އަށް އެނގިފައިވެ އެވެ. އެ މަޝްރޫއަށް ފައިސާ ދޭން ނިންމީ ބޭންކް އޮފް ޗައިނާ ލަންޑަން ބްރާންޗުންނެވެ.

އައިލްސް ވެބްސައިޓްގައި އެޗްޑީސީން މިދިޔަ މަހުގެ 30 ވަނަ ދުވަހު ބުނެފައި ވަނީ އެ މަޝްރޫއުގެ 85 ޕަސެންޓަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގައި ކޮންޓްރެކްޓަރަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން އެ މަޝްރޫއަށް ފައިނޭންސް ކޮށްދޭން އެއްބަސްވެފައިވާ ބޭންކުން ފައިނޭންސިން އޮފާ ވިތްޑޮރޯ ކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"އަދި މިވަގުތު ކޮންޓްރެކްޓަރު އެހެން ބޭންކަކާއި މަޝްވަރާކުރަމުންދާ ކަމަށް މިކޯޕަރޭޝަނަށް އަންގާފައިވޭ،" އެޗްޑީސީން ބުނެފައިވެ އެވެ.