ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިއުމަންޓް އޮންލައިންކޮށް ހުށަހެޅުމަށް ޚާއްސަކޮށްފައިވާ "ބީލަން ޕޯޓަލް" ފިނޭންސް މިނިސްޓްރީން މިއަދު ތައާރަފުކޮށްފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ތައާރަފުކޮށްދެއްވި މި ޕޯޓަލްއާއެކު ފަސް މިލިއަނަށްވުރެ އަގުބޮޑު ބީލަންތައް ދެން ހުށަހެޅޭނީ މިޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިއީ ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިއުމަންޓް ނިޒާމް އިލެކްޓްރޯނިކް ނިޒާމަކަށް ބަދަލުކުރުމަށް ކުރެވެމުންދާ މަސައްކަތުގައި ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށެވެ. އަދި މި ލޯންޗްކުރި ޕޯޓަލްއާއެކު ބީލަންތައް އޮންލައިންކޮށް ހުށަހެޅޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، އެއް މާލަމަކަށް ހާޒިރުވެ ބިޑް ހުށަހެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ހުރި ދަތިކަން އެންމެބޮޑަށް އިހުސާސް ކުރެވިގެން ދިޔައީ ކޮވިޑް-19ގެ ހާލަތާގުޅިގެން ކަމަށެވެ. އަދި އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ބީލަންތައް ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް އެދި ބީލަންވެރިންނާއި އަދި ދައުލަތުގެ އޮފީސްތަކުން އެކަމުގެ ކަންބޮޑުވުންތައް ވަނީ ތަކުރާރުކޮށް އަމީރު ވިދާޅުވި އެވެ.

"މި ލޯންޗުކުރެވުނު ޕޯޓަލް ފަރުމާކުރެވިފައިވަނީ ބީލަންވެރިން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ރައްކާތެރިކަން ބިޑް ހުޅުވުމުގެ ވަގުތާ ހަމައަށް ހިފެހެއްޓޭނެގޮތަށް. އަދި، މި ޕޯޓަލް މެދުވެރިކޮށް ބިޑް ހުށަހެޅުމަށް ބޭރު ގައުމުތަކަށް ނިސްބަތްވާ ބީލަންވެރިން ވެސް އިސްތިސްނާވެގެން ނުވާކަން ފާހަގަކުރަން. މިގޮތުން، ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އަމާޒަކީ ފަންޑު ދޭ އެޖެންސީތަކުގެ ޕްރޮކިއުމަންޓްތަކުގައި މި ޕޯޓަލް މެދުވެރިކޮށް ބިޑް ހުށަހެޅޭނެ އިންތިޒާމް ހަމަޖެއްސުން. އެކަމަށްޓަކާ މިދަނީ މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

ބީލަން ޕޯޓަލް ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އާއި އޮފީސްތަކުގެ އިސްވެރިން ބައިވެރިވަނީ. ފޮޓޯ: ފިނޭންސް

އަމީރު ވިދާޅުވީ އެ މިނިސްޓްރީގެ އެންމެ ބޮޑު އެއް އަމާޒަކަށް ވެގެން ދިޔައީ އިލެކްޓްރޯނިކް ނިޒާމަކުން ބިޑް ބަލައިގަތުމުގެ ކަންކަން ހަމަޖެއްސިގެންދާއިރު ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމްގެ މަގުސަދު ހާސިލްވާނޭހެން އަދި ފަސޭހަގޮތަކަށް ބީލަންވެރިންނަށް ޕްރޮޕޯސަލް ހުށަހެޅޭނެހެން މިކަންކުރުމުގެ މަގު ފަހިކޮށްދިނުން ކަމަށެވެ.