ޑޮމެސްޓިކް ދަތުރުތަކުގެ ތެރެއިން އެއް ގަޑިއިރަށް ވުރެ ކުރު ދަތުރުތަކަށް އެއްވެސް ބުއިމެއް ނުދޭން މޯލްޑިވިއަނުން ނިންމައިފި އެވެ.

ވައިގެ ހިދުމަތްދޭ ސަރުކާރު ކުންފުނިން މިއަދު ބުނީ މިގޮތަށް ނިންމީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ކޮވިޑާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް އަޅަން ނިންމައި އާންމުކުރި ސާކިއުލާއާ ގުޅިގެން ކަމަށެވެ.

މޯލްޑިވިއަން އިން ޑޮމެސްޓިކް ދަތުރުތަކަށް ދެނީ ހަމައެކަނި ޖޫހެވެ. އަލަށް ގެނައި ބަދަލާއެކު އެއް ގަޑިއިރަށް ވުރެ ކުރު ދަތުރުތަކަށް ޖޫހެއް ދެން ނުލިބޭނެ އެވެ.

މޯލްޑިވިއަންގެ ގިނަ ދަތުރުތައް ބައި ގަޑިއިރަށް ވުރެ ވެސް ކުރެވެ. އާންމު ގޮތެއްގައި އެއް ގަޑިއިރަށް ވުރެ ދިގު ދަތުރުތައް ކުރަނީ ރާއްޖޭން އެންމެ އުތުރާއި ދެކުނަށެވެ.

ސިވިލް އޭވިއޭޝަނުން ނެރުނު ސާކިއުލާއެއްގައި ބުނީ ޑޮމެސްޓިކް ދަތުރުތަކުގައި ކޮވިޑްގެ އަލާމާތެއް ހުރިތޯ ކޮންމެ ފަސިންޖަރެއް ވަކިން ބަލަންވާނެ ކަމަށެވެ. އަދި ފަސިންޖަރުން ތިބެން ޖެހޭނީ މާސްކް އަޅައިގެން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖެއިން ވެސް މިހާރު ވަނީ ސައުތު އެފްރިކާ އިން ފެނުނު ކޮވިޑްގެ އޮމިކްރޮން ވޭރިއެންޓް ފެނިފަ އެވެ. އެހެންވެ ރާއްޖެއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެފްރިކާގެ ބައެއް ގައުމުތަކުން މީހުން އައުން މަނާކޮށްފަ އެވެ.