ދިވެހިންގެ ނަމުގައި ވިޔަފާރިތައް ރަޖިސްޓްރީކޮށް، ބިދޭސީން ވިޔަފާރިކުރުން ހުއްޓުވުމަށް އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފި އެވެ.

މި ބިލަކީ މިއަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 44 ވަނަ ޖަލްސާއިން ފާސްކުރި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް ގެނައި މައިގަނޑު އިސްލާހަކީ ރާއްޖޭގައި ވިޔަފާރިއެއް ހިންގުމަށް ހަވާލުކުރާ ފަރާތަކީ ދިވެއްސަކަށް ވުން ލާޒިމްކުރުމެވެ. އެގޮތުން ގާނޫނަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވަނީ، ވިޔަފާރި ހިންގަން ހަވާލުކުރާ ފަރާތަކީ އުމުރުން 18 އަހަރު ވެފައިވާ ދިވެއްސަކަށް ވާން ޖެހޭނެ ކަމަށެވެ.

މި ގާނޫނުގެ އަށް ވަނަ މާއްދާގެ (ށ)ގައި، މި ގާނޫނުގެ ދަށުން އަމިއްލަ ވިޔަފާރިއެއް ރަޖިސްޓްރީކުރެވޭނެ މުއްދަތުކަމަށް ބަޔާންކޮށްފައިވާ ފަސް އަހަރު ދުވަހުގެ މުއްދަތު މި އިސްލާހުގައި ދިހަ އަހަރަށް ބަދަލުކޮށްފައިވެ އެވެ. އަދި އަމިއްލަ ވިޔަފާރިއެއްގެ ރަޖިސްޓްރީ އައު ކުރުމަށް ގާނޫނުގައި ދީފައިވާ މުއްދަތު ނުވަދިހަ ދުވަހުން، އެކެއް އަހަރު ދުވަހަށް އިތުރުކޮށްފައިވެ އެވެ.

މި ގާނޫނަށް ގެނެވުނު އިސްލާހުގައި، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށްޓަކައި ވިޔަފާރިއެއް ހިންގުމަކީ، މި ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްދީފައިވާ އަމިއްލަ ވިޔަފާރިއެއްގެ ރަޖިސްޓްރީ ބާތިލުކުރެވިދާނެ ހާލަތެއް ކަމަށް ބަޔާންކޮށްފައިވެ އެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލުގައި ބަޔާންކޮށްފައިވާ އިސްލާހުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އިސްލާހުކުރަންޖެހޭ ގަވާއިދުތައް، މި މިބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން ޖެހެ އެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް މިއަދު ތަސްދީގުކުރެއްވުމާއި ގުޅިގެން މި ގާނޫނު މިހާރު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާފަ އެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެންނެވެ.