މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)ން ފޯރުކޮށްދޭ ހިދުމަތްތަކުގެ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބޮޑުކުރަން ނިންމައިފި އެވެ.

އެމްޕީއެލުން ކުރި އިއުލާނެއްގައި ބުނީ ރީ- ޝިޕިންނާއި އެކްސްޕްރެސް ކްލިއަރިން، އަދި ލޭޓް ސަބްމިޝަންގެ ހިދުމަތްތަކަށް ބަދަލުތަކެއް ގެނައުމަށް އެކުންފުނިން ނިންމާފައިވާ ކަމަށެވެ. އަދި މި ބަދަލުތަކަކީ އެކި ބާވަތުގެ މުދާ އެތެރެކުރާ މީހުންނަށް އެ ހިދުމަތް އަވަސް ކޮށްދިނުމަށާއި، ބަނދަރުން ލުއި ފަސޭހަކަމާއެކު ހިދުމަތް ހޯދާ ފަރާތްތަކަށް އެ ހިދުމަތް ދިނުމުގެ މަގުސަދުގައި ގެނައި ބަދަލެއް ކަމަށް އެމްޕީއެލްއިން ބުނެ އެވެ.

މި ބަދަލާއި އެކު 20 ފޫޓުގެ ކޮންޓެއިނަރަކުން ޖީއެސްޓީއާއެކު ވަން ޑޭ ޕްރަޔާ އެކްސްޕްރެސް ޗާޖުގެ ގޮތުގައި ނަގާނީ 1،060 ރުފިޔާ ކަމަށާއި، 40 ފޫޓުގެ ކޮންޓެއިނަރަކުން 2،120 ރުފިޔާ ނަގާނެ ކަމަށް އެމްޕީއެލުން ވަނީ ބުނެފަ އެވެ. އަދި 20 ފޫޓުގެ ކޮންޓެއިނަރަކުން ސޭމްޑޭ އެކްސްޕްރެސް ޗާޖުގެ ގޮތުގައި 1،500 ރުފިޔާ، 40 ފޫޓު ކޮންޓެއިނަރަކުން 3،000 ރުފިޔާ، 20 ފޫޓުގެ ކޮންޓެއިނަރަކުން ކޮންޓެއިނާ ރީޝިޕިން ފީއެއްގެ ގޮތުގައި 795 ރުފިޔާ އަދި 40 ފޫޓުގެ ކޮންޓެއިނަރަކުން 1،590 ރުފިޔާ ނަގާނެ ކަމަށް ވެސް އެމްޕީއެލުން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން އެމްޕީއެލުން ވަނީ ހިދުމަތްތައް ހޯދުމަށް ހުށަހަޅާ ޑޮކިއުމެންޓްތައް ލަސްވެއްޖެނަމަ ނަގާ ފީއެއްގެ ގޮތުގައި މިހާރު ދައްކަން ޖެހޭނީ 1،494.60 ރުފިޔާ ކަމަށް ބުނެފަ އެވެ. އަދި އެއް ގަޑިއިރުތެރޭގައި ކުލިއާ ނުކުރެވިއްޖެ ހާލަތެއްގައި އެއް ދުވަހުގެ މުއްދަތަށް 20 ފޫޓުގެ ކޮންޓެއިނަރުން 795 ރުފިޔާ ނަގާނެ ކަމަށާއި، 40 ފޫޓުގެ ކޮންޓެއިނަރުން 1414.0 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްޕީއެލުން ވަނީ ބުނެފަ އެވެ.