Advertisement

އެމްއައިބީގެ ހިއްސާ ވިއްކާ މުއްދަތު އިތުރުކޮށްފި

FacebookTwitterWhatsAppTelegramViber

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ހިއްސާ ވިއްކާ މުއްދަތު އިތުރުކޮށްފި އެވެ.

އެމްއައިބީން ކުރިން ނިންމާފައި އޮތީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހިއްސާ ވިއްކުން ކުރިއަށް ގެންދިއުމަށެވެ. އެހެން ނަމަވެސް، މި މުއްދަތު މިހާރު ވަނީ މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.

އެމްއައިބީން ބުނީ ހިއްސާ ވިއްކުމުގެ މުއްދަތު އިތުރުކުރީ މިދިޔަ ޖުލައި 28 ވަނަ ދުވަހާއި އޮގަސްޓް 15 އަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅުމުން ކަމަށެވެ. އެހެންކަމުން، ޕްރޮސްޕެކްޓަސްގައި 35 ދުވަހުގެ މުއްދަތެއް ކަނޑައަޅާފައިވީ ކަމަށް ވިޔަސް، ރަސްމީ ބަންދު ދެ ދުވަހުގެ ބަދަލުގައި އިތުރު ދެ ދުވަސް ދިނީ ކަމަށް އެ ބޭންކުން ބުންޏެވެ.

އެމްއައިބީން ބުނެފައިވާ ގޮތުގައި އާއްމުންނަށް ވިއްކަން ހަމަޖެހިފައި ވަނީ އެ ބޭންކުގެ ޖުމްލަ ހިއްސާގެ 31 ޕަސެންޓް ކަމަށްވާ 6،975،000 ހިއްސާ އެވެ. މި ހިއްސާ ވިއްކައިގެން ޖުމްލަ 244 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އެ ބޭންކުން އަންދާޒާކޮށްފައިވެ އެވެ.

އެމްއައިބީގެ ހިއްސާ ގަތުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލާފައި ވާއިރު، އެންމެ މަދުން ގަނެވޭނީ 20 ހިއްސާ ނުވަތަ ހިއްސާ އަކަށް 35ރ. ގެ މަގުން 700ރ. ގެ ހިއްސާ އެވެ. އަދި ކޮންމެ ފަހަރަކު 10 ހިއްސާ އިން ނުވަތަ 350ރ. ގެ ހިއްސާ އިން އިތުރަށް ގަތުމުގެ ފުރުސަތު ލިބޭނެ އެވެ.

އެމްއައިބީގެ ހިއްސާ އެ ބޭންކުގެ މައި ބްރާންޗުންނާއި ހުޅުމާލެ ބްރާންޗުގެ އިތުރުން، ހިތަދޫ ބްރާންޗާއި ފުވައްމުލަކު ބްރާންޗާއި ކުޅުދުއްފުށީ ބްރާންޗާއި އައިޕީއޯ ކޯޑިނޭޝަން ސެންޓަރުން ގަނެވޭނެ އެވެ. އަދި އޮންލައިންކޮށް، މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީޒްގެ ޕޯޓަލް އިން ވެސް ހިއްސާ ގަނެވޭނެ އެވެ. މީގެ އިތުރުން، ހިއްސާގެ ފޯމު ބަލައިގަތުމަށް ހާއްސަ ކަލެކްޝަން ސެންޓަރެއް، މެޑިކާ ހޮސްޕިޓަލުގެ ކުރިމަތިން ވާ ގޮތަށް ހުންނަ މ. ފާމްދޭރިގޭގައި ވަނީ ގާއިމްކޮށްފަ އެވެ.

މާޗް 7، 2011 ރަސްމީކޮށް ހިދުމަތް ދޭން ފެށި އެމްއައިބީގެ 25 ޕަސެންޓް ހިއްސާ ކޮންޓްރޯލް ކުރަނީ ދިވެހި ސަރުކާރުންނެވެ. އަދި އިސްލާމިކް ކޯޕަރޭޝަންގެ ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަ (އައިސީޑީ) ގެ 70 ޕަސެންޓް އަދި އަމާނާ ތަކަފުލްގެ ފަސް ޕަސެންޓް ހިއްސާ މިހާރު އޮވެ އެވެ. އެހެން ނަމަވެސް، އާއްމުންނަށް ހިއްސާ ވިއްކަން ފަށާފައިވުމާ އެކު އެ އަދަދުތަކަށް ބަދަލު އަންނާނެ އެވެ.

އެމްއައިބީ ހިއްސާގެ ބާޒާރުގައި ލިސްޓުކުރިއިރު، ރާއްޖޭގެ މައި ބޭންކު ކަމަށްވާ ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވެސް ހިއްސާގެ ބާޒާރުގައި މުއާމާލަތް ކުރެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top