Advertisement

އިންޑިޔާގެ އެންމެ މުއްސަނދި މަހުޖަނު އިންޓަނެޓާ އެކު ހިލޭ ޓީވީ ދެނީ

FacebookTwitterWhatsAppTelegramViber

އިންޑިޔާގެ އެންމެ މުއްސަނދި މަހުޖަނު މިހާރު ދަނީ އެ ޤައުމުގައި ހަލުއިކަމާއެކު އިތުރުވަމުންދާ އިންޓަނެޓް ބޭނުންކުރާ މީހުންގެ މެދުގައި ވަކިހިއްޕާލުމަށް ޓަކައި އިތުރު ކަމެއް ކުރަން ފަށައިފި އެވެ. މި ފަހަރު ކުރާ ކަމަކީ، އަލަށް ބްރޯޑްބޭންޑު ގެ ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް ހިލޭ އެޗްޑީ ޓީވީ ދިނުމެވެ.

ބިލިޔަނަރ މުކޭޝް އަމްބާނީ ގެ މިލްކުވެރިކަމުގެ ދަށުގައިވާ ރިލަޔަންސް ޖިއޯ މޯބައިލް ނެޓްވޯކުގެ ބައެއް ޕެކޭޖްތަކާ އެކު ހިލޭ 4ކޭ ޓީވީ ދޭނެއެވެ. ހިލޭ ޓީވީ ލިބެނީ އަހަރެއްގެ ސަބްސްކްރިޕްޝަން 15،588 ރުޕީސް (217 އެމެރިކާ ޑޮލަރު) އަށް ވުރެ މަތީ ޕެކޭޖްތައް ނަގާ ކަސްޓަމަރުންނަށެވެ. އެއާއެކު، ނެޓްފިކްސް އާއި އެމޭޒަން ޕްރައިމް ވީޑިއޯ ފަދަ ސްޓްރީމިންގ ސަރވިސް ތައް ލިބޭނެ އެވެ.

އާ ބްރޯޑްބޭންޑް ނެޓްވޯކް ކަމުގައިވާ ޖިއޯފައިބަރ މެދުވެރިކޮށް މަހަކު 699 ރުޕީސް އިން ފެށޭ އަގުހެޔޮ ޕެކެޖްތައް ވެސް ދޭނެއެވެ. މި ޚިދުމަތް ވަނީ އިންޑިޔާގެ 1600 ސިޓީއެއް ގައި ލޯންޗުކޮށްފައެވެ.

ރިލަޔަންސް އިން ހާމަކުރި ގޮތުގައި، ޖިއޯފައިބަރ މެދުވެރިކޮށް މިހާތަނަށް ކަނެކްޝަނެއް ލިބިފައި ނެތް އެތައް ބަޔަކަށް ކަނެކްޝަނެއް ހޯދައިދިނުމުގެ ވަޢުދު ފުއްދުމުގައި އެ ކުންފުނިން ކުރިޔަށްދާނެއެވެ.

އަމްބާނީ އަށް ވަނީ، އޭނާގެ ބައްޕަގެ ބޮޑު ކުންފުނި ކަމުގައިވާ ރިލަޔަންސް އިންޑަސްޓްރީސް ކޯޕަރޭޓް ގެ ބޮޑު ބައި ވާރުތައިން ލިބިފައެވެ. އެ ކުންފުނި ފެށިފައިވަނީ، ޓެކްސްޓައިލް ވިޔަފާރިއެއްގެ ގޮތުގައި ނަމަވެސް، މިހާރު އެ ކުންފުނި ވަނީ، ރީޓެއިލާއި، އެނާޖީ އާއި، ޓެލެކޮމް ވިޔަފާރީގައި ޙަރަކާތްތެރިވާ އިންޑިޔާގެ އެންމެ ބޮޑު އެއް ކުންފުންޏަށް ވެފައެވެ. ބައްޕަ 2002 ގައި ނިޔާވުމަށް ފަހު އަމްބާނީ އާއި، އޭނާގެ ކޮއްކޮ އަނިލް އާ ދެމީހުން ވަނީ ވާރުތަ މުދާ ބެހުމުގެ ވަރުގަދަ "ހަނގުރާމަ އަކަށް" ފަހު ދެ މީހުންގެ ބައްޕަގެ މުދާ ބަހާފައެވެ. ރިލަޔަންސް އިންޑަސްޓްރީގެ މިހާރުގެ އަގަކީ 108 ބިލިޔަން އެމެރިކާ ޑޮލަރެވެ.

މިއީ، އިންޑިޔާގެ އެންމެ ބޮޑު އިންޓަނެޓް ޕްރޮވައިޑަރ އަށް ވުމަށްޓަކައި އަމްބާނީ ހިލޭ އެއްޗެތި ބަހާ ފުރަތަމަ ފަހަރެއް ނޫނެވެ. އިންޑިޔާގެ ޓެލެކޮމް ދާއިރާ އަށް މީގެ ތިން އަހަރު ކުރިން ޖިއޯ އިން ވަނީ، ގިނަ ބަޔަކު ޙައިރާންކޮށްލި ކަމެއް ކަމުގައިވާ އަލަށް އިންޓަނެޓްގެ ޚިދުމަތް ހޯދާ މީހުންނަށް 6 މަސް ވަންދެން ހިލޭ 4ޖީ މޯބައިލް ޑޭޓާ ދިނުމާ އެކުގައެވެ. މި ހިލޭ ޚިދުމަތާ އެކު ޖިއޯ ގެ ޚިދުމަތް ހޯދަން ފެށި މީހުންގެ ޢަދަދު ވަރަށް ބޮޑުތަން އިތުރުވެގެން ގޮސްފައި ވެއެވެ. އެއާއެކު، ވާދަވެރި ކުންފުނިތަކާ އެކު އަގުގެ ހަނގުރާމައެއް ފެށި، އޭގެ ސަބަބުން ވާދަވެރި ކުންފުނިތައް އެއްވެ، އަމްބާނީގެ ކޮއްކޮ ވެސް ކުންފުނިން ބޭރުވިއެވެ.

ނަތީޖާއެއްގެ ގޮތުން، 1 ގިގަބައިޓް މޯބައިލް ޑޭޓާ ގެ އަގު 2016 ގައި 206 ރުޕީސް (3 އެމެރިކާ ޑޮލަރު) ގައި ހުރި އިރު، 2018 ގައި އެ އަގު ވަނީ، 12 ރުޕީސް (17 ސެންޓް) އަށް ތިރިވެފައެވެ. އެއާއެކު، އެތަކެއް ސަތޭކަ މިލިޔަން އިންޑިޔާ މީހުން އަލަށް އިންޓަނެޓް ބޭނުންކުރަން ފެށި އެވެ.

އެކަމަކު، އަދިވެސް އޮންލައިން އަށް ވަދެވޭ އިންޑިޔާ މީހުންނަށް ވުރެ އޮފްލައިން ގައި ތިބޭ އިންޑިޔާ މީހުންގެ ޢަދަދު ގިނަ އެވެ. އާދެ، 700 މިލިޔަނަށް ވުރެ ގިނަ އިންޑިޔާ މީހުން އަދި ވެސް ތިބީ އެއްގޮތަކަށް ވެސް އިންޓަނެޓްގެ ބޭނުންނުކޮށެވެ. ޖީއޯގެ މިހާރުގެ ކަސްޓަމަރުންގެ ޢަދަދަކީ، 340 މިލިޔަނެވެ. އަދި އެއީ، ވޮޑަފޯން-އައިޑިއާ އަށް ފަހު، ދެވަނަ އަށް އެންމެ ބޮޑު ޓެލެކޮމް އޮޕަރޭޓަރެވެ.

އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައިއެލްއޯ) އިން އެންމެ ފަހުން ނެރުނު މަޢުލޫމާތަށް ބަލާއިރު، އެވްރެޖް އިންޑިޔާ މީހަކަށް އަހަރަކު ލިބެނީ 2000 އެމެރިކާ ޑޮލަރު ކަމަށް ވާއިރު، ޖިއޯގެ އެންމެ ފަހުގެ އިންޓަނެޓް ޕެކެޖަކީ، އޭގެ ތެރެއިން ގިނަ މީހުންނަށް ނުހޯދޭނެ ޚިދުމަތެކެވެ. އެކަމަކު، މި ޕެކެޖާ އެކު، އަމްބާނީ އަށް އިންޑިޔާގެ އެތަކެއް މިލިޔަން ގޭބީސީ އަށް ޚިދުމަތް ދެވި، އެ ޤައުމުގެ އިންޓަނެޓް 'ބޫމް' ގައި އިތުރަށް ވަކިހިއްޕާލެވޭނެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top