ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުތަކެއް ގެނައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިއަދު ބުނީ މިއީ އަންނަ އަހަރު ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތް ކަމަށެވެ.

ގައުމީ ކުތުބުހާނާގައި މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައި ކުތުބުހާނާ ތަރައްގީކުރުމަށް ބޭންކުން ވަނީ ގައުމީ ކުތުބާހާނާއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.

މި އެމްއޯޔޫގައި ބޭންކުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޓިމް ސޯޔާ އެވެ. ކުތުބުހާނާގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ފޯ އާޓްސް, ކަލްޗަރ އެންޑް ހެރިޓޭޖް މުހައްމަދު ތޯރިގް އެވެ. މިހަފްލާގައި ބޭންކުގެ ބޯޑު ޑިރެކްޓަރުންނާއި އެގްޒެކެޓިވް މެނޭޖްމަންޓްގެ މެންބަރުން ބައިވެރިވަޑައިގެންނެވި އެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮޖެކްޓްގެ ދަށުން ގައުމީ ކުތުބުހާނާގެ މެއިން ރީޑިން އޭރިޔާ, ކިޔަވަތި ޑިސްކަޝަން ރޫމް, ސައިލެންޓް ރީޑިން އެންޑް ރިސާޗް ރޫމް, މޭކާސް ސްޕޭސް ރޫމްގެ އިތުރުން ނެޝަނަލް ކަލެކްޝަން ރޫމު އިތުރަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން ކުތުބުހާނާގެ ޚިދުމަތް ހޯދާ ފަރާތްތަކުން ބޭނުންކުރުމަށް ބަހައްޓާފައިވާ ކޮމްޕިއުޓަ ސިސްޓަމްތައް އަޕްގްރޭޑް ކުރުމުގެ އިތުރުން, ކުތުބުހާނާއިން ކުރިއަށް ގެންދާ ޑިޖިޓައިޒޭޝަން ޕްރޮޖެކްޓަށް ބޭނުންވާ ވީކްރެޑްލް ބުކް ސްކޭނާ ހަދިޔާކުރާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ އޭގެ އިތުރުން ވެސް މުޅިން އަލަށް ކުތުބުހާނާގައި އޯޑިއޯ ރިކޯޑްކުރެވޭނެ ބޫތެއް ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީ ކޮށްދެވޭނެ ކަމަށެވެ. އަދި ގައުމީ ކުތުބުހާނާގެ ފޮތްތައް މިހާރަށްވުރެ ބޮޑަށް ރައްކާތެރިކުރުމުގެ ގޮތުން ކުތުބުހާނާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޒަމާނީ ސެކިއުރިޓީ ގޭޓެއް ގާއިމުކޮށްދެވޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ ލައިބްރަރީތަކަކީ މުޖުތަމައުގެ މުހިންމު ބައެއް ކަމަށާއި ގައުމީ ކުތުބުހާނާ އަކީ ތައުލީމާއި ހުނަރުވެރިކަން ތަރައްގީ ކުރުމަށް މުހިންމު ތަނެއް ކަމަށެވެ. އަދި ހަމައެއާއެކު ހުރިހާ އުމުރުފުރަޔަކަށް ވެސް ބޭނުންވާ މައުލޫމާތު ހޯދުމަށް މުހިންމު ވަސީލަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގައުމީ ބޭންކުގެ ހައިސިއްޔަތުން ކުތުބުހާނާއަށް ބަދަލުގެނެސް މިފަދަ ބޮޑު ތަރައްގީގެ މަސައްކަތެއް ކޮށްދެވޭކަމީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް. މިއީ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުމަށް ނިންމާފައިވާ ހަރަކާތްތަކުގެ ތެރެއިން ދެވަނަ ޕްރޮޖެކްޓް. އަދި މިފަދަ މުޖުތަމައަށް ފައިދާ ކުރާނެ ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައި،" ޓިމް ވިދާޅުވި އެވެ.

ބޭންކުން ވަނީ ފުރަތަމަ ހަރަކާތުގެ ގޮތުގައި "ބީއެމްއެލް ސްކޮލާޝިޕް ފަންޑު' ތައާރަފްކޮށްފަ އެވެ. އަދި ސްކޮލާޝިޕް ފަންޑު މެދުވެރިކޮށް ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުން ބޭންކިން އަދި ފައިނޭންސް ގެ ދާއިރާއިން ތިން ދަރިވަރަކަށް ސްކޮލަޝިޕް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި ފަންޑުގެ އަމާޒަކީ މި ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާ ކުރުމެވެ.