އަލަށް ހެދި މިނިމަމް ވޭޖަށް އެސްޓީއޯއިން މިމަހުން ފެށިގެން އަމަލުކުރަން ފަށައިފި ކަމަށް ބުނެފި އެވެ.

ސަރުކާރު ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުނިން މިއަދު ބުނީ މިނިމަމް ވޭޖަށް އަމަލުކުރަން ފެށުމާއެކު މުސާރައަށް އަހަރަކު 14 މިލިއަން ރުފިޔާ އިތުރަށް ހޭދަވާނެ ކަމަށެވެ.

"މިގޮތަށް ހަމަޖެއްސުމުން އަޅުގަނޑުމެންގެ މުވައްޒަފުންގެ މެދުގައި ހަމަހަމަ އުޖޫރައެއް ކަށަވަރުކުރުމުގެ އަމާޒަށް އަހަރެއްގެ މައްޗަށް 14 މިލިއަން ރުފިޔާ ހޭދަ ކުރާނެ،" އެސްޓީއޯއިން ބުނެފައިވެ އެވެ.

މިނިމަމް ވޭޖް ކަނޑައަޅާފައި ވަނީ މިނިމަމް ވޭޖް ބޯޑުގެ ލަފަޔާއެކު ހަތަރު ކެޓަގަރީއަކަށް ބަހާލައިގެންނެވެ. ނަމަވެސް ބޯޑުން ދިން ލަފަޔާއި ހިލާފަށް ޕްރައިވެޓް ސެކްޓަރުގެ ދެ ފަންތިއެއްގެ މިނިމަމް ވޭޖު ކަނޑައަޅާފައިވަނީ ބޯޑުން ލަފާ ދިން ވަރަށް ވުރެ ކުޑަކޮށެވެ.

މިދިޔަ މަހުގެ 8 ވަނަ ދުވަހު ކަނޑައެޅި މިނިމަމް ވޭޖްގައިވާ ގޮތުން ޕްރައިވެޓް ސެކްޓަރުގައި ކުދި ފަންތީގެ ވިޔަފާރިތަކަށް ދެވޭނެ އެންމެ ކުޑަ އަދަދަކީ މަހަކަށް 4،500 ރުފިޔާ އެވެ. އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މަހަކު 7،000 ރުފިޔާ ކަނޑައަޅާފައިވާއިރު، ބޮޑެތި ވިޔަފާރިތަކަށް ކަނޑައަޅާފައިވަނީ މަހަކަށް 8،000 ރުފިޔާ އެވެ. ދައުލަތުގެ މުއައްޒަފެއްނަމަ މަހަކު 7،000 ރުފިޔާ އެވެ.