މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނަގަމުން އަންނަ ޕައިލަޓޭޖް ފީތައް މިމަހުގެ 15 އިން ފެށިގެން 50 ޕަސެންޓާ ހަމަޔަށް ކުޑަކުރަން ނިންމައިފި އެވެ.

ޕައިލަޓޭޖް ފީ އަލުން އެމްޕީއެލްއިން ރިވިއު ކުރިއިރު ގެނައި ބަދަލާއެކު މާލޭ ވިޔަފާރި ބަނދަރަށް އަންނަ ބޯޓު ފަހަރާއި ފަސިންޖަ ލައިންތަކުގެ ޕައިލަޓޭޖް ފީތައް އެވްރެޖްކޮށް ވަނީ 50 ޕަސެންޓް ކުޑަކޮށްފަ އެވެ. އަދި މީގެ އިތުރުން ވެރީ ލާޖް ކްރޫޑް ކެރިއާތަކަށް ޕައިލަޓޭޖް ފީތައް 20 ޕަސެންޓާ ހަމައަށް ވަނީ ކުޑަކޮށްފަ އެވެ. މީގެ އިތުރުން ޓަގު ކުއްޔަށް ދިނުމުގެ އަގުވެސް ވަނީ 30 ޕަސެންޓާއި 50 ޕަސެންޓާ ދެމެދުގެ އަދަދަކަށް ކުޑަކޮށްފަ އެވެ.

ވިޔަފާރި ބަނދަރުތައް ބަލަހައްޓާ ކުންފުނިން ފޯރުކޮށްދޭ މެރިން އަދި ޕައިލަޓޭޖްގެ ޚިދުމަތްތަކަށް ނަގަމުންދިޔަ ޕައިލަޓޭޖް ފީތައް އެންމެ ފަހުން ބަދަލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 1 ގަ އެވެ.

އެމްޕީއެލްއިން ނަގަމުންދިޔަ ޕައިލަޓޭޖް ފީތައް ކުޑަކުރުމާ ބެހޭ ގޮތުން ސީއީއޯ ޝާހިދު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. ފޮޓޯ: އެމްޕީއެލް

ޕައިލަޓޭޖް ފީ ކުޑަކުރުމާ ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެމްޕީއެލްއިން ޕައިލެޓޭޖް ފީއަށް މި ބަދަލު ގެނައީ އަވައްޓެރި އެހެން ގައުމުތަކުގެ ޕޯޓުތަކުން މިވަގުތު ނަގަމުންދާ ޕައިލަޓޭޖް އަގުތައް ރިވިއުކުރުމަށްފަހު ކަމަށެވެ. އަދި މިހާރު ގެނައި މިބަދަލުތަކަކީ ސަރަހައްދީ ގައުމުތަކުގައި ނަގަމުންދާ ޕައިލަޓޭޖް ފީތަކާ ވާދަވެރި، އަޅާކިޔޭނެ އަގުތަކަކަށް ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕައިލަޓޭޖް ޓެރިފް މިހާރު އަޅުގަނޑުމެން މި ރިވިއު ކުރީ ގާތްގަނޑަކަށް ކޮލަމްބޯއާ އެއްވަރަށް. އަދި މޮރިޝަސް ސީޝެލްސްއަށް ވުރެ ކުޑަތަންކޮޅެއް ހަމަ ކުޑަވާ ގޮތަށް. އިންޑިއާގެ ބައެއް ޕޯޓުތަކަށް ވުރެ ވަރަށް ބޮޑުތަން ކުޑަކޮށް މިހާރު އަޅުގަނޑުމެންގެ ޓެރިފް އިންނާނީ،" ޝާހިދު ވިދާޅުވި އެވެ.