މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ އިއްޔެ ބާތިލުކުރުމުން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނަގާފައިވާ ލޯނުތަކުގެ އެއްބަސްވުމާ ހިލާފުވެ، ލޯނުތައް އެއްފަހަރާ ދައްކަން ޖެހިދާނެކަމުގެ ބިރުބޮޑުވެއްޖެ އެވެ.

ހުޅުމާލޭގެ ތަރައްގީއަށް ބިލިއަނަކަށް ވުރެ ގިނަ ޑޮލަރުގެ ލޯނު އެޗްޑީސީން ނަގާފައި ވަނީ ހުޅުމާލޭގެ ބިން މޯގޭޖްކުރުމަށްފަހު އެވެ.

މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ އިއްޔެ ބާތިލުކުރުމުން އެކަމާ ހިތްހަމަނުޖެހިގެން، އެ ނިންމުން ބާތިލުކުރުމަށާއި އެޗްޑީސީއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ކަމަށް ބުނެ ސިވިލް ކޯޓަށް އެ މައްސަލަ ހުށަހަޅައިފަ އެވެ.

އެޗްޑީސީން މިރޭ ބުނީ ސިޓީ ކައުންސިލްގެ ނިންމުގެ ސަބަބުން އެޗްޑީސީން ވެފައިވާ މަދަނީ އެއްބަސްވުންތަކާއި ލޯނު އެއްބަސްވުންތަކާ އެ ކުންފުނިން ހިލާފުވެ، "ކްރޮސް ޑިފޯލްޓް" ހާލަތަކަށް ދިއުމުގެ ބޮޑު އިހުތިމާލެއް އޮތުމާއި އެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ ކުންުފުންޏާއި ސަރުކާރުން ނަގާފައިވާ ލޯނުތައް އެއްފަހަރާ ދައްކަން ޖެހިދާނެ ކަމަށެވެ. އެހެންވެ އެ ލޯނުތައް ޑިފޯލްޓުވުމުގެ ބިރު އޮތުމުން އެ މައްސަލައަށް ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ސިޓީ ކައުންސިލްގެ ނިންމުމަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ކަނޑައަޅައިދީ ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން ބުނީ ހުޅުމާލޭގެ ފޭސް 1 އަދި 2 ގެ ރަޖިސްޓްރީ ސިޓީ ކައުންސިލުން ބާތިލުކޮށްފައި ވަނީ ގާނޫނު އަސާސީ ހިލާފަށް ކަމަށް އެޗްޑީސީން ދެކޭ ކަމަށެވެ. އަދި އެ މައްސަލަ ކޯޓަށް ހުށަހެޅީ ވެސް އެއީ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށް ފެންނާތީ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.