މިދިޔަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސް އަށް ލިބުނު ސާފު ފައިދާ ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ގަތަރުގެ ކުންފުނިން ނެރުނު މާލީ ހިސާބުތައް ދައްކާ ގޮތުން އުރީދޫއަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނީ 62 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.

އުރީދޫގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 367.8 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ ކުއާޓަރަށް ވުރެ 41.8 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. މިއީ ގާތްގަނޑަކަށް ދިހަ ޕަސެންޓްގެ ދަށްވުމެކެވެ.

އެ ކުންފުންޏަށް މިދިޔަ ކުއާޓަރުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މޮބައިލް ޚިދުމަތްތަކުންނެވެ. އެގޮތުން 277.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތުން 84.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ އަހަރުގެ މާޗް މަހު ބޭއްވި އުރީދޫގެ އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ ހިއްސާދާރުންތަކެއް ބައިވެރިވަނީ. ފޮޓޯ: އުރީދޫ

އުރީދޫން މިދިޔަ ކުއާޓަރުގައި ޓެކްސްގެ ގޮތުގައި 13.3 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. އެ ކުންފުނީގެ ހިއްސާދާރުންނަށް މިދިޔަ ކުއާޓަރުގައި ޖެހިފައިވަނީ ހިއްސާއަކަށް އެންމެ 42 ލާރި އެވެ.

އުރީދޫން ބުނީ އެ ކުންފުނީގެ އާމްދަނީ ދަށަށް ދިޔަ މައިގަނޑު ސަބަބަކީ ކޮވިޑާ ގުޅިގެން މޮބައިލް ރޯމިންއިން ލިބުނު އާމްދަނީ ވުމުން ކަމަށެވެ.