ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ޕަރސަނަލް އަދި ހައުސިން ލޯނާއި ފައިނޭންސިންގެ އިންޓްރެސްޓް ރޭޓް އަދި ޕްރޮފިޓް ރޭޓް އަށް ހެޔޮ ބަދަލުތަކެއް ގެނެސްފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބުނީ އެ ބޭންކުގެ ކަސްޓަމަރުންނަށް މާލީ ގޮތުން ލުޔެއް ހޯދައިދިނުމުގެ ގޮތުން މިއަދުން ފެށިގެން ގެނައި ބަދަލާއެކު، ކަސްޓަމަރުންގެ މެދުގައި މަގުބޫލުކަމެއް ލިބިފައިވާ ލުއި އެކްސްޕްރެސް ލޯން ގެ ރޭޓް 15 ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށެވެ. އަދި ޝަރުތު ހަމަވާ ކަސްޓމަރުންނަށް އެއްވެސް ރަހުނަކާ ނުލައި 300،000 ރުފިޔާއާ ހަމަޔަށް ލޯނު ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ އެ ލޯނުތަކުގެ އިތުރުން ގަވައިދުން މުސާރަ ނުލިބޭ ފަރާތްތަކަށް ދޫކުރަމުންދާ ލުއި މައިކްރޯ ލޯންގެ ރޭޓް ވެސް 12 ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށެވެ.

އެ ބޭންކުން ބުނީ އާމްދަނީގެ ގޮތުގައި ކުލި ލިބޭ ގެދޮރުވެރިންނަށް އަމާޒުކޮށް ދޫކުރާ ބީއެމްއެލް ލައިފްސްޓައިލް ލޯނު ވެސް ރަހުނަކާ ނުލައި މިހާރު 15 ޕަސެންޓް އިންޓްރެސްޓް ރޭޓްގައި ލިބޭނެ ކަމަށެވެ. މިގޮތުން 300،000 ރުފިޔާ އަށް ހަމަޔަށް ލޯނު ދޫކުރެވޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުން ބުނީ 300،000 ރުފިޔާއިން ފެށިގެން 1.5 މިލިއަން ރުފިޔާއާ ހަމަޔަށް ލޯނު ބޭނުންވާ ފަރާތްތަކަށް ކުރިއެކޭ އެއްގޮތަށް ރަހުނަކާއެކު 12 ޕަސެންޓް އިންޓްރެސްޓްގައި ލޯނު ދޫކުރަމުންދާނެ ކަމަށެވެ.

ބީއެމްއެލްގެ ހައުސިން ލޯނު ޕޯރޓްފޯލިއޯ އަށް ވެސް 10 ޕަސެންޓާ ހަމަޔަށް ވަނީ ދަށްކޮށްފަ އެވެ.

"މި ބަދަލާއެކު މިއީ ރާއްޖޭގެ އެންމެ ކުޑަ އިންޓްރެސްޓް ރޭޓެވެ. މި ރޭޓްގައި ބޭންކުން ލޯނު ދޫކުރާނީ ހޯމް ޕާޗޭސް ލޯން (ގެދޮރު ގަތުމަށް ދޫކުރާ ލޯނު) އަދި ހޯމް ކޮންސްޓްރަކްޝަން ލޯނުގެ ތެރެއިން 50 ޕަސެންޓް އަމިއްލަ އަށް ހަރަދުކޮށްފައިވާ ޕްރެޖެކްޓްތަކަށް ދޫކުރާ ލޯނުތަކަށް،" އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ ވިޔަފާރީގެ އުސޫލުން ގެދޮރު އިމާރާތްކުރާ ފަރާތްތަކަށް ދޫކުރާ ރިއަލް އެސްޓޭޓް ލޯނުގެ ރޭޓް ވެސް 10.5 ޕަސެންޓާ ހަމަޔަށް ކުޑަކޮށްފައިވާ ކަމަށެވެ.

ބީއެމްއެލްގެ ޑައިރެކްޓަ އޮފް ރީޓެއިލް ބޭންކިން މޫސާ ނިމާލް ވިދާޅުވީ މިއަދު އާންމުކުރި ބަދަލުތަކަށް ބަލާއިރު އަގުތައް 15 ޕަސެންޓް ކުޑަކުރެވި، ބޭންކުގެ ލޯނު ޕޯޓްފޯލިއޯ އަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އަޅުގަނޑުމެންގެ ކަސްޓަމަރުން ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލަމުންދާއިރު އަލަށް ކަނޑައެޅުނު ރޭޓްތަކުގެ ސަބަބުން ކަސްޓަމަރުންނަށް މާލީ އެހީތެރިކަން ހޯދުމަށް ލުއި ފަސޭހަވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބީއެމްއެލް އިސްލާމިކްގެ ޕޯޓްފޯލިއޯގެ ރޭޓްތައް ވެސް މިވަނީ އެއް ނިސްބަތަކުން ދަށްކުރެވިފައި،" ނިމާލް ވިދާޅުވި އެވެ.

އެ ބޭންކުން ބުނީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ލޯނާއި ފައިނޭންސްތަކަށް އިތުރަށް ގެނައުމަށް ނިންމާފައިވާ ބަދަލުތައް ކުރިއަށް ހުރި ހަފްތާތަކުގައި ބޭންކުން ހާމަކުރާނެ ކަމަށެވެ.