ވޯކް ވީޒާ ލިބިގެން ރާއްޖޭގައި ވަޒީފާ އަދާ ކުރުމަށްފަހު، އެކިއެކި ސަބަބުތައް މެދުވެރިވެ ރާއްޖެއިން ފުރާފައިވާ ބިދޭސީންގެ ތެރެއިން، ވޯކް ވިސާ ފީގެ މުއްދަތު ހަމަވެ، ފީ ދެއްކެން ނެތުމުން ވީޒާ ކެންސަލް ނުކުރެވިވާ ފަރާތްތަކުގެ ވީޒާ ފީ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ވިސާ ފީގެ މުއްދަތު ހަމަވެފައިވާ މީހުންގެ ވިސާ ފީ ދެއްކުމަށް އެދޭ ފަރާތްތަކުން "މިސަލޭނިއަސް ވާކް ވީޒާ ފީ ފޯމު" IM41 ފޯމު ފުރިހަމަ ކުރުމަށްފަހު، [email protected] އަށް މެއިލް ކުރުމުން، ރަސްމީ މަސައްކަތު ހަތް ދުވަސްތެރޭ ފީ ދެއްކުމަށް ބޭނުންވާ މައުލޫމާތު އެކްސްޕެޓް އޮންލައިން ސިސްޓަމަށް ލެވޭނެ ކަމަށެވެ. އަދި ފީ ދެއްކުމަށް ބޭނުންވާ މީހާގެ ރެކޯޑް ސިލެކްޓް ކުރެއްވުމުން، ވީޒާ ފީގެ ގޮތުގައި ދައްކަންޖެހޭ އަދަދު ފެންނާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

"ވީމާ ދަންނަވަމެވެ. "މިސަލޭނިއަސް ވާރކް ވީޒާ ފީ ފޯމު" IM41 ހުށަހަޅުއްވާނީ، ވާކް ވީޒާ ފީ ދެއްކުމަށްފަހު ވީޒާ ކެންސަލްކުރަން އެދޭ ފަރާތްތަކުން ކަމުގައި ދެންނެވީ މެވެ. އަދި އަޕްޑޭޓް ކުރެވިފައިވާ ރެކޯޑަށް އޮންލައިންކޮށް ފީ ދެއްކެވުމަށް ދެވިފައިވާ މުއްދަތު ކަމަށްވާ 90 ދުވަސް ހަމަވުމުގެ ކުރިން ފީ ދެއްކެވުމަށް ސަމާލުކަން ދެއްވުން އެދެމެވެ." އެ އިއުލާނުގައި ބުނެފައިވެ އެވެ.