އެއްގަމުގައި ދުއްވާ ވެހިކަލްއިން ނަގާ ފީގެ އާމްދަނީއެއްގެ ގޮތުގައި 102 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސް ހިސާބުތަކުން އެނގޭގޮތުގައި މި އަހަރުގެ މިހާތަނަށް 102 މިލިއަން ރުފިޔާ ވެހިކަލް ފީގެ ގޮތުގައި ލިބިފައިވާއިރު، މިދިޔަ އަހަރުގެ މިހާތަނަށް ވެހިކަލް ފީގެ ގޮތުގައި ލިބިފައިވަނީ 89 މިލިއަން ރުފިޔާ އެވެ.

އޭގެ އިތުރުން ކަނޑު އުޅަނދުތަކުން ފީގެ ގޮތުގައި 23 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު ލިބުނީ 21 މިލިއަން ރުފިޔާ ކަމަށް މީރާއިން ބުނެ އެވެ.

މިއާއެކު ރާއްޖެއަށް އެތެރެކުރާ އެއްގަމު އުޅަނދުތައް ގިނަވަމުންދާކަން ފާހަގަކުރެވެ އެވެ.

ރާއްޖެއަށް އެއްގަމު އުޅަނދުތައް ގިނަވަމުންދާއިރު، އެންމެ ގިނަ އުޅަނދު ދުއްވަނީ ވެރިރަށް މާލޭގަ އެވެ. އަދި މާލޭގައި ބޭނުންކުރާ ވެހިކަލްތައް ގިނަވުމުގެ ސަބަބުން މަގުތައް ތޮއްޖެހި، ޕާކިން މައްސަލަ އިންތިހާއަށް ކުރިމަތިވެފައިވެ އެވެ.