މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ 94 އިތުރުވެ، ޖުމްލަ ހަތަރު ބިލިއަން ރުފިޔާގެ މުދާ ގެނެސްފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެއަށް 2.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިދިޔަ މަހު ހަތަރު ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް އިމްޕޯޓްކުރި މުދާ މިދިޔަ މަހު އިތުރުވެފައިވާއިރު ދައުލަތައް ލިބުނު އާމްދަނީ ވެސް ވަނީ އިތުރުވެފަ އެވެ.

  • މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު މިއަހަރުގެ ނޮވެމްބަރު މަހު ދައުލަތައް ލިބުނު އާމްދަނީ ވަނީ 17 ޕަސެންޓް އިތުރުވެފައި.
  • މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް އިމްޕޯޓް ޑިއުޓީގެ ގޮތުގައި 276 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ މަހު 322 މިލިއަން ރުފިޔާ ލިބިފައިވޭ.
  • މިދިޔަ މަހު އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޗައިނާ، އޮމާން، އަދި ޔޫއޭއީއާއި އިންޑިއާ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޗައިނާއިން 603 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އޮމާންއިން 529 މިލިއަން ރުފިޔާގެ މުދާ އަދި ޔޫއޭއީއިން 463 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވާ ތިން ގައުމުގެ ތެރޭގައި ހިމެނެނީ ތައިލޭންޑް، ޖަރުމަން އަދި އިނގިރޭސިވިލާތް ހިމެނެ އެވެ. އެގޮތުން ތައިލޭންޑަށް 38 ޕަސެންޓް މުދާ، ޖަރުމަނަށް 14 ޕަސެންޓް އަދި އިނގިރޭސިވިލާތަށް 12 ޕަސެންޓް މުދާ ވަނީ އެކްސްޕޯޓްކޮށްފަ އެވެ.

މިދިޔަ މަހު ޕްރޮސެސްކުރި ޑިކްލަރޭޝަން ވެސް ވަނީ އިތުރުވެފަ އެވެ. 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޕްރޮސެސްކުރި ޑިކްރަލޭޝަންގެ އަދަދަކީ 12،434 އެވެ. މިދިޔަ މަހު އެ އަދަދު އުޅެނީ 20،524 ގަ އެވެ.