އުރީދޫ މޯލްޑިވްސް އިން "ޕީސް" ކޭބަލްއަށް އިންވެސްޓްކޮށް އެއްބަސްވުމެއްގައި ސޮއިކުރިކަން މިއަދު އިއުލާންކޮށްފި އެވެ.

މިއީ އުރީދޫން އިންވެސްޓްކުރާ ތިންވަނަ ސަބްމެރިން ކޭބަލެވެ. އެ ކުންފުނިން މީގެ ކުރިން ވަނީ ވާފް ޓެލެކޮމް އާ ގުޅިގެން އިންޑިއާ އާއި މާލެ އާ ދެމެދު ސަބްމެރިން ކޭބަލެއް އަޅައިފަ އެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި ދިރާގާ ގުޅިގެން ސްރީލަންކާ އާއި މާލެއާ ދެމެދު ވެސް ސަބްމެރިން ކޭބަލެއް އަޅާފައިވެ އެވެ.

"ޕީސް" ކޭބަލް އަކީ ކަސްޓަމަރުންނަށް މެދުކެނޑުމެއް ނެތި ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ބައިނަލްއަގުވާމީ ޑޭޓާ ފޯރުކޮށްދިނުމުގެ ގާބިލްކަން އިތުރުކޮށް ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރަށް ވަރުގަދަ ކޮށްދޭނެ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލް ސިސްޓަމެކެވެ. މި ކޭބަލްގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާވެ، ކުރިއަރަމުން އަންނަ އީޖާދީ ޓެކްނޮލޮޖީއަށް ބޭނުންވާ ވަސީލަތްތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ އެވެ.

"ޕީސް" ސަބްމެރިން ކޭބަލް އަޅަން އުރީދޫން ހަމަޖައްސާފައި ވަނީ ހދ. ކުޅުދުއްފުއްޓާއި ސިންގަޕޫރާއި ޔޫރަޕްގެ ގިނަ ރަށްތަކެއް ހިމެނޭ ގޮތަށެވެ. އެގޮތުން ކުޅުދުއްފުއްޓަށް ކޭބަލް އަޅާނީ ޔޫރަޕުންނެވެ. އަދި ސިންގަޕޫރަށް ކޭބަލް އަޅާނީ ކުޅުދުއްފުށިންނެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ގަތަރުގެ ކުންފުނިން ބުނީ އެ ކުންފުނިން ކުޅުދުއްފުށި ޚިޔާރުކޮށްފައި ވަނީ ޑޭޓާ ޓްރެފިކަށް އިތުރު ދޮރުތައް ހުޅުވައިލަދީ، ޑިޖިޓަލް ޚިދުމަތްތަކާއެކު ފަހިވެގެންދާނެ ފުރުސަތުތަކާއި މަންފާ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.

"މި ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލްގެ ސަބަބުން ސިންގަޕޫރާއި ޔޫރަޕް ގެ 15 ގައުމުގެ އިތުރުން އިރުމަތީ އެފްރިކާ އާއި ވެސް ރާއްޖެ ގުޅާލެވޭނެ. އުރީދޫ މޯލްޑިވްސް އިން މި ސަބްމެރިން ކޭބަލްއަށް އިންވެސްޓް ކުރުމަށް ނިންމާފައިވަނީ އިންޓަނެޓްގެ ހިދުމަތުގެ ލޭޓެންސީ ރަނގަޅުކޮށް، ކެޕޭސިޓީ އިތުރު ކުރުމަށް،" އުރީދޫން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި މި ކޭބަލާއެކު 5ޖީ ގެ ގާބިލްކަން އިތުރުކޮށް، އިޖާދީ ޚިދުމަތްތަކަށް ފުރުސަތު ހުޅުވި ހަގީގީ ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމުކުރުމަށް މަގުފަހިވެގެންދާނެ އެވެ.

"ޕީސް ކޭބަލްގެ ލޭންޑިން ސްޓޭޝަންއަށް ކާމިޔާބުކަމާއެކު ގުޅާލުމާއެކު ރާއްޖޭގެ އުތުރު ވެގެންދާނީ އިރުމައްޗާއި ހުޅަނގަށް ޑިޖިޓަލް ފުރުސަތުތައް ފަހިކޮށްދޭނެ މަންޒިލަކަށް. ހައިޕަސްކޭލާ ޚިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތުތަކުގެ އިތުރުން ކުޅުދުއްފުށީގައި ޑޭޓާ ސެންޓަރުގެ ޚިދުމަތް ހޯސްޓްކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެ،" އުރީދޫން ބުންޏެވެ. "ހަމައެހެންމެ، އުތުރުގެ ރަށްތަކުގައި ޑިޖިޓަލް ވިޔަފާރިތަކާއި ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ފެސިލިޓީތައް ކުރިއަރައިގެން ދާނެ."

އެ ކުންފުނިން ބުނިގޮތުގައި މި ކޭބަލް ވެގެންދާނީ ދުނިޔޭގެ އެހެން ހިސާބުތަކަށް އިންފޮމޭޝަން ހައިވޭ އަކަށް ކަމަށްވާތީ، މި ކޭބަލްގެ ސަބަބުން އާ ވަޒީފާތައް އުފެދި، އައު ހުނަރާއެކު މުޖުތަމައު ތަރައްގީވެ، ދުނިޔޭގެ ޑިޖިޓަލް މާހައުލުގައި ވާދަކުރުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

"5ޖީ ނެޓްވޯކް މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތްތަކާއި އިންޓަނެޓް އޮފް ތިންގްސް އަދި ކްލައުޑް ޚިދުމަތްތަކުގެ އިތުރުން 5ޖީ ނެޓްވޯކްގެ ބާރު ސްޕީޑްތަކާއެކު އީޖާދުވާ ޚިދުމަތްތައް ދަނީ ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން. އެހެންކަމުން އިންޓަނެޓް ބޭނުންކުރާވަރު އިތުރުވެ، ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށް ވަރުގަދަ އިންފްރާސްޓްރަކްޗަރ އެއް ބިނާކުރުމަކީ މުހިންމުކަމެއް. އެހެންކަމުން މިފަދަ އިންވެސްޓްމަންޓްތަކާ އެކު ޑިޖިޓަލް ދިވެހިރާއްޖެއެއްގެ ފުރިހަމަ މަންފާ ދިވެހި މުޖުތަމައުއަކަށް ފަހިކޮށްދިނުމުގައި އުރީދޫ މޯލްޑިވްސް ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަން." އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ނަޖީބް ޙާން ނޫސްވެރިންނާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވި އެވެ.

ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ އުރީދޫން އިސްނަގައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މަޝްރޫއާއެކު ކުޅުދުއްފުށި ވެގެންދާނީ މާލެ ސިޓީގެ އިތުރުން ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލެއް މެދުވެރިކޮށް ގުޅާލެވޭ ފުރަތަމަ ރަށަށް ކަމަށެވެ.

"މި ފަޚުރާއެކު އުތުރުގެ ރައްޔިތުންގެ އިތުރުން މުޅި ރާއްޖެއަށްވެސް އެތަކެއް ކުރިއެރުންތަކަކާއި ފުރުޞަތުތަކެއް ފަހިވެ އައު އުސްމިންތަކަކަށް ވާސިލްކުރާނެކަމުގެ ޝައްކެއް ވެސް ނެތް. މި އާ އިންޓަރނޭޝަނަލް ސަބްމެރިން ކޭބަލްގެ ލޭންޑިން ސްޓޭޝަން ހޯސްޓްކުރުމަށް ކުޅުދުއްފުށި ސިޓީ އިޚްތިޔާރުކުރި ކަމަށްޓަކައި އުރީދޫ މޯލްޑިވްސްއަށް އަޅުގަނޑުމެން ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން،" ކުޅުދުއްފުށި ސިޓީގެ މޭޔަރު ވިދާޅުވި އެވެ.

އުރީދޫން ބުނިގޮތުގައި ޕީސް ކޭބަލްގެ މަސައްކަތް ފުރިހަމަކޮށް، 2023 ވަނަ އަހަރުގެ ކުރީކޮޅު ކުޅުދުއްފުށީގައި ކޭބަލް ގުޅުވާލެވޭނެ ލަފާކުރެވެ އެވެ. އަދި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ރައްޔިތުން އައު ޓެކްނޮލޮޖީ އާއި، އައު އީޖާދުތަކާއި، އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއާ ގުޅުވާލަދޭ އިންގިލާބީ 5ޖީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ނެޓްވޯކް ތައްޔާރަށް އޮތް މިންވަރު އިތުރުވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.