ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވިއައިއޭ)ގައި އަލަށް ހެދި ސީޕްލޭން ޓާމިނަލަށް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އަންނަ މާޗް މަހުގެ ނިޔަލަށް ބަދަލުވުމަށް ތައްޔާރުވާން ފަށައިފި އެވެ.

އާ ސީޕްލޭން ޓާމިނަލަކީ އެމްއޭސީއެލް އިން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސީޕްލޭންގެ ހިދުމަތްދޭ ކުންފުނީގެ ސީއީއޯ އޭޔޫއެމް ފައުޒީ "ހުރިހާ"އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ އާ ޓާމިނަލަށް ބަދަލުވުމުގެ މަސައްކަތް 31ގެ މާޗްގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. އަދި މިހާރު ބޭނުންކުރާ ބައެއް އިމާރާތްތައް ހުސްކުރުމުގެ މަސައްކަތްތައް ޖެނުއަރީ މަހު ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގިނަ ބިލްޑިންގްތައް ހުސްކޮށް ބަދަލުވުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފެށޭނެ. އަޅުގަނޑުމެން ލަފާކުރަނީ އޭޕްރިލް އެކަކުން ފެށިގެން އެތަނުގައި އޮޕަރޭޝަން ފެށޭނެ ކަމަށް،" ފައުޒީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާ ސީޕްލޭން ޓާމިނަލަށް ބަދަލުވުމުން މަސައްކަތް މާ ފަސޭހަވެފައި ހަލުއިވާނެ ކަމަށެވެ. އަދި ޖާގައިގެ ގޮތުން ތަނަވަސްވުމުން ކަސްޓަމަރުން ހިތްހަމަޖެހޭ ރަނގަޅު ފެންވަރުގެ ހިދުމަތެއް ދެވޭނެ ކަމަށް ވެސް ފައުޒީ ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހެދި ސީޕްލޭން ޓާމިނަލްގެ އެެތެރެ. ފޮޓޯ: އެމްއޭސީއެލް

"އާ ޓާމިނަލްގައި ނުހުންނާނެ އަޅުގަނޑުމެން ހިންގާ ލައުންޖްތަކެއް. އެތަނުގައި ހުންނާނީ ޓީއެމްއޭގެ އެންމެ ލައުންޖެއް،" އޭނާ ވިދާޅުވި އެވެ.

އެ އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ވެސް ވަނީ އާ ޓާމިނަލްގެ އޮޕަރޭޝަން ފެށުން އަވަސްކުރުމާ ބެހޭ ގޮތުން އެއާޕޯޓުގައި ލައުންޖުތައް ހިންގާ ފަރާތްތަކާއެކު މިދިޔަ އާދިއްތަ ދުވަހު މަޝްވަރާކޮށްފަ އެވެ. ނަމަވެސް އެ ޓާމިނަލް ހުޅުވާނެ ދުވަހެއް އެމްއޭސީއެލް އިން އަދި ނުބުނެ އެވެ.

އާ ޓާމިނަލަށް ބަދަލުވާއިރު މިވަގުތު ސީޕްލޭންގެ ހިދުމަތްދޭ ތިން ކުންފުނީގެ ތެރެއިން މޯލްޑިވިއަން ފިޔަވައި އެހެން ކުންފުނިތަކުން ހިދުމަތްދޭނީ މި ޓާމިނަލްގަ އެވެ. ޓީއެމްއޭގެ އިތުރުން މިހާރު ރާއްޖޭގައި ސީޕްލޭންގެ ހިދުމަތް ދެނީ މޯލްޑިވިއަން އާއި މަންޓާ އެއާ އެވެ.

ހަތަރު ބުރިއަށް ހަދާފައިވާ އާ ޓާމިނަލްގައި ލައުންޖާއި އެހެން ކަންކަމަށް ބޭނުންކުރެވޭ ގޮތަށް 28،000 އަކަމީޓަރުގެ ޖާގަ ހިމެނެ އެވެ.

ޒަމާނީ ފެންވަރަށް ތަރައްގީ ކުރީ މި ޓާމިނަލުން ސީޕްލޭން ޕާކް ކުރުމަށް 80 އަށް ވުރެ ގިނަ ޑޮކިން ޕްލެޓްފޯމް އަޅާފައިވެ އެވެ. އަދި ފްލޯ އޭރިއާ އާއި ލައުންޖާއި ބޯޑިން ގޭޓްތަކަށް ވެސް 50 ޕަސެންޓް ޖާގަ ބޮޑެވެ. އޭގެ އިތުރުން، ޓާމިނަލްގައި އެރައިވަލް ލޮބީ އާއި ވީއައިޕީގެ ޚިދުމަތް ވެސް އަލަށް ހެދި ޓާމިނަލުން ލިބޭނެ އެވެ.