ބަންގްލަދޭޝްއިން ރާއްޖެއަށް 200 މިލިއަން ޑޮލަރު (3.08 ބިލިއަން ރުފިޔާ) ގެ ލޯނެއް ދޭން ނިންމައިފި އެވެ.

ބަންގްލަދޭޝް އިން މި ލޯނު ދޭން ރާއްޖެއަށް ޕްރޮޕޯސަލެއް ހުށަހަޅާފައިވާކަން ފިނޭންސް މިނިސްޓްރީން ދާދި ފަހުން ކަށަވަރުކޮށްދީފައިވެ އެވެ. އަދި އެ މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ އެކަށީގެންވާ ރަނގަޅު ޓާމްސްތަކަކަށް އެއްބަސްވާ ނަމަ އެ ގައުމުގެ ހުށަހެޅުން ގަބޫލުކުރާނެ ކަމަށެވެ.

އެ ގައުމުގެ ވިޔަފާރި ނޫހެއް ކަމަށްވާ ދަ ބިޒްނަސް ސްޓެންޑާޑްގައި ބުނެފައިވަނީ ރާއްޖެއަށް ލޯނު ދޭން ނިންމީ ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީ އާއި ބަންގްލަދޭޝްގެ ބޭންކުގެ އިސްވެރިން ގުޅިގެން ބޭއްވި ބައްދަލުވުމަކަށް ފަހު ކަމަށެވެ. އަދި މި ލޯނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންނެވީ ބަންގްލަދޭޝްގެ މިނިވަންކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ބަންގްލަދޭޝްގެ ބާނީ ބަންގަބަންދު ޝެއިޚް މުޖީބުއްރަހްމާންގެ އުފަންދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މި އަހަރުގެ މާޗް މަހުގެ ތެރޭގައި ކުރެއްވި ދަތުރުފުޅުގައި ކަމަށެވެ.

އެ ނޫހުގައި ބުނެފައި ވަނީ ފޮރިން މިނިސްޓްރީން ވަނީ މި ހުށަހެޅުމާ ގުޅޭގޮތުން ބަންގްލަދޭޝް ބޭންކުގެ އިސް މެނޭޖަރުންނާ މަޝްވަރާކޮށްފައި ކަމަށެވެ. އަދި ރާއްޖެއިން މިހާތަނަށް ރަސްމީ އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައި ނުވި ނަމަވެސް، މަރުކަޒީ ބޭންކުން މި ލޯނު ދޫކުރުމާ މެދު އެއްބަސްވާ ކަމަށް ބަންގްލަދޭޝް ބޭންކުގެ އިސް މެނޭޖަރަކު ވިދާޅުވި ކަމަށް ދަ ބިޒްނަސް ސްޓެންޑާޑްގައި ބުނެފައިވެ އެވެ.

ގަވަރުނަރު ފަޒްލީ ކަބީރު ވިދާޅުވީ، މި ފައިސާ ދަރަންޏަށް ދިނުމުގެ ގާބިލްކަން ބަންގްލަދޭޝް ސެންޓްރަލް ބޭންކުގައި އެބަހުރި ކަމަށެވެ.

"އިމްޕޯޓް ހަރަދުތައް އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި ރިޒާވް އަދިވެސް އޮތީ ޕްރެޝަރުގައި ކަމަށް ވިޔަސް، ގަވަރުނަރު ދެކެވަޑައިގަންނަވަނީ ރާއްޖެއަށް މި ލޯނަކީ އެއް އިރެއްގައި ބާސްކެޓް ކޭސްއެއްގެ ގޮތުގައި ސިފަކުރެވުނު ބަންގްލަދޭޝް ފަޚުރުވެރިވާ ފަދަ ލޯނެއްގެ ގޮތުގަ އެވެ." އެ ނޫހުގައި ބުނެފައިވެ އެވެ.

ނަމަވެސް މަރުކަޒީ ބޭންކުން މި ލޯނުގެ މޮޑެލިޓީ ފައިނަލް ކޮށްފައެއް ނުވެ އެވެ.

މިއަހަރުގެ ޖުލައި މަހުގެ ކުރީކޮޅު، ބަނގްލަދޭޝް ބޭންކުން ފުރަތަމަ ފަހަރަށް ލޯނު ދޭ ބޭންކަކަށް ވެގެން ދިޔައީ، ދަރަނި ވެރިވެފައިވާ އިގުތިސޯދުގައި ލިކުއިޑިޓީއަށް އެހީތެރިވުމުގެ ގޮތުން ސްރީލަންކާއަށް ލޯނެއް ދީގެންނެވެ. ބަންގްލަދޭޝް ބޭންކުން ވަނީ ކަރަންސީ ސްވޮޕް ޑީލެއްގެ ދަށުން އެ ގައުމަށް ޖުމްލަ 200 މިލިއަން ޑޮލަރު ދީފަ އެވެ.

ފޮރިން އެކްސްޗޭންޖް ރިޒާވް މަތިވުމުގެ ސަބަބުން މަރުކަޒީ ބޭންކުން މިފަދަ ހައި ރިސްކް އިންވެސްޓްމަންޓެއް ކުރުމަށް ބާރު އެޅި ކަމަށް އެ ބޭންކުގެ ސީނިއާ އެގްޒެކެޓިވް ވިދާޅުވި ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، ބަނގްލަދޭޝް ބޭންކުން އާންމު ގޮތެއްގައި އެ ގައުމުގެ ބޭންކަކަށް ދުވާލަކު 200 މިލިއަން ޑޮލަރު ވިއްކުމުގެ ގާބިލްކަން ލިބިގެންވެ އެވެ. އަދި ބަނގްލަދޭޝް ބޭންކުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، މިދިޔަ އޮގަސްޓްމަހު އެ ގައުމުގެ ޑޮލަރު ރިޒާވް 48 ބިލިއަން ޑޮލަރަށް އެރުމަށް ފަހު، މިމަހުގެ 24 ވަނަ ދުވަހު އެ ރިޒާވް ހުރީ ގާތްގަނޑަކަށް 45 ބިލިއަން ޑޮލަރުގަ އެވެ.