ކޮވިޑްގެ ދަތި ހާލަތުގައި ދަރަނި ނުނެގި ނަމަ ރައްޔިތުންނަށް ދިމާވި ހާލަތު ދިގުލައިގެން ދިޔައީސް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

23 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމުގެ ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ އިގްތިސާދު މަޑުޖެހި ދައުލަތުގެ އާމްދަނީ މަދުވެގެން ދިޔަ ވަގުތުގައި ސަރުކާރުން ބެލީ ދަރަނި ނަގައިގެން ނަމަވެސް އިގްތިސާދު ހިފަހައްޓައި އިޖުތިމާއީ ރައްކާތެރިކަމާއި ރައްޔިތުން މިދަތި ހާލަތުން ވީ އެންމެ އަވަހަށް ސަލާމަތްކުރެވޭތޯ ކަމަށެވެ. އަދި ދަރަނި ނަގައިގެން ވެސް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމިތިބީ އެނގިތިބެ، ދުރުރާސްތާގެ ޕްލޭނެއްގެ ތެރެއިން ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

"ރައްޔިތުންގެ ފުދުންތެރިކަމާއި ދިވެހި އިގްތިސާދު ވީއެންމެ އަވަހަކަށް އާންމު ހާލަތައް ގެނައުމުގެ ބޭނުމުގައި. އިގްތިސާދީ ކާރިސާތަކުގައި ދަރަނި ނެގުމަކީ މުޅި ދުނިޔެ ބަލައިގަނެފައިވާ ކާމިޔާބު އުސޫލެއް. ދަރަނި ނުނެގިނަމަ އިގްތިސާދު ރަނގަޅުވާން ގިނަ ދުވަސް ނަގައި ރައްޔިތުންނަށް ދިމާވި ދަތި ހާލަތު ރަނގަޅުވާން ގިނަ ދުވަސް ނެގީސް،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ މިހާލަތުގައި ވެސް ދަރަނި އިތުރު ނުކުރުމަށް ވަކާލާތުކޮށް ބައެއް ފަރާތްތަކުން ވާހަކަދެއްކި ނަމަވެސް އޭނާ ގަބޫލުކުރައްވަނީ ހުރިހާ ދަރަންޏެއް އެއް މިންގަނޑަކުން ވަޒަންކުރުމަކީ އެންމެ ރަނގަޅުގޮތް ނޫން ކަމަށް ކަމަށެވެ.

"އިގްތިސާދީ ފަހި ދުވަސްތަކުގައި ދަރަނި ދަށްކުރުމަށް މަސައްކަތްކުރުމަކީ އޮންނަ ކަމެއް. އަދި އިގްތިސާދީ ކާރިސާތަކުގެ ތެރޭގައި ދަރަނި ނަގައިގެންވެސް ޚަރަދުތައްކޮށް ސަރުކާރުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކަށް ބުރޫނާރައި ކުރިއަށްގެންދިއުމަކީވެސް ހާލަތުގެ ގޮތުން އެންމެ ރަނގަޅު މަގަށްވެގެންދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ މިއީ މުޅި ދުނިޔެ ބަލައިގަނެފައިވާ ކާމިޔާބު އުސޫލެއް ކަމަށާއި ކޮވިޑްގެ ހާލަތުގައި ދަރަނި ނަގައިގެން ކައުންޓާ ފިސްކަލް ޕޮލިސީއެއް ނުހިންގި ނަމަ ދިވެހި އިގްތިސާދުގެ ހާލަތު ރަނގަޅުވާން ފަށަން ނަގާނެ ވަގުތު ބޮޑުތަނުން އިތުރުވީސް ކަމަށެވެ. އަދި ރައްޔިތުންނަށް ދިމާވި ދަތި ހާލަތު ވެސް ދިގުލައިގެން ދިޔައީސް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޯވިޑްގެ ހާލަތުގައި ސަރުކާރުން ލޯނު ނެގިނަމަވެސް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުގެ ވޯލްޑް އައުޓްލުކްގެ ތަފާސް ހިސާބުތަކުން ވެސް ދައްކާގޮތުން މިއަހަރު މުޅި ދުނިޔެއިން އެންމެ ބާރަށް ކުރިއަރާ 5 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ.

2022 ވަނަ އަހަރަށް ބަޖެޓް ތައްޔާރުކުރިއިރު 2021 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 31.6 އިންސައްތަ ކުރިއަރާނެ ކަމަށް ބެލެވުނެވެ. ނަމަވެސް ރާއްޖޭގެ އިގްތިސާދަށް ލިބެމުންދާ ބޮޑެތި ކުރިއެރުންތަކާއިއެކު މިހާރު އަންދާޒާކުރެވެނީ މިއަހަރުގެ އުފެއްދުންތެރިކަން ކުރިއަރާނެ މިންވަރު 38.5 އިންސައްތައަށް އަރާނެ ކަމަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.