ދިރާގުން ނެރުނު 2022 ވަނަ އަހަރުގެ ކަލަންޑަރު ރާއްޖޭގެ ޓޫރިޒަމްގެ ރަންޔޫބީލަށް ހާއްސަކޮށްފި އެވެ.

ކޮންމެ އަހަރުކުވެސް ތަފާތު ކޮންސެޕްޓްތަކަކަށް ކަލަންޑަރު ނެރެމުން އަންނަ ކުންފުނިން ނެރުނު ކަލަންޑަރު ޑިޒައިންކޮށްފައި ވަނީ ޓޫރިޒަމް ސިނާޔަތުގެ ތަރައްގީގައި ފާހަގަކޮށްލެވޭ 12 ލަނޑުދަނޑިއަކަށް އަލިއަޅުވާލައިފަ އެވެ.

މި ފުރިހަމަ ކަލަންޑަރު ޓޫރިޒަމް މިނިސްޓަރު މައުސޫމްއަށް މިއަދު ދިރާގުން ވަނީ ހަދިޔާކޮށްފަ އެވެ.

ޑރ. މައުސޫމް ވިދާޅުވީ ދިރާގަކީ ރާއްޖޭގެ ޓޫރިޒަމްގެ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ މުއާސަލާތީ ޚިދުމަތްދޭ ކުންފުނީގެ ހައިސިއްޔަތުން ބޭރު ދުނިޔެއާއި ރާއްޖެ ގުޅުވާލުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ދިރާގު އަންނަ އަހަރަށް ނެރުނު ކަލަންޑަރު ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމަށް ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒު މިއަދު ހަވާލުކޮށްދެއްވަނީ ފޮޓޯ: ދިރާގު

"2022 ވަނަ އަހަރުގެ ދިރާގު ކަލަންޑަރު ފަތުރުވެރިކަމުގެ ރަންއަހަރަށް ޚާއްސަކުރި ކަމީ ދިރާގާއި ފަތުރުވެރިކަމުގެ ސިނާއަތާ އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ ކަމެއް. އަދި މިކަލަންޑަރު ފަރުމާ ކުރުމުގައި ފަތުރުވެރިކަމުގެ މުޙިއްމު މަރުޙަލާތައް ދައްކުވައިދީފައިވާތީ މި ކަލަންޑަރު ފަތުރުވެރިކަމުގެ ރަންއަހަރާއި ވަރަށް ގުޅޭ. ދިރާގާއި ޓޫރިޒަމް މިނިސްޓްރީއާއި ބާއްވަމުންދާ ޚާއްސަ ގުޅުމަށް ނިހާޔަތަށް ޝުކުރު ދަންނަވަން،" ޑރ. މައުސޫމް ވިދާޅުވި އެވެ.

ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒު ވިދާޅުވިގޮތުގައި ދިރާގުން 2022 ވަނަ އަހަރުގެ ކަލަންޑަރު ރާއްޖޭގެ ޓޫރިޒަމްގެ ރަންޔޫބީލަށް ހާއްސަ ކުރުމަށް ނިންމީ ފާއިތުވެދިޔަ 50 ކާމިޔާބު އަހަރުގެ ތަރައްގީ ފާހަގަކޮށް މި ދައިރާގައި މަސައްކަތްކުރާ ހުރިހާ ބޭފުޅުންގެ ބުރަ މަސައްކަތް އަގުވަޒަންކުރުމުގެ ގޮތުންނެވެ.

ދިރާގަކީ އަބަދުވެސް ރާއްޖޭގެ އެކި ސިނާޔާތްތަކުގެ ކުރިއެރުން ފާހަގަކޮށް އެ މަސައްކަތުގެ އަގުވަޒަން ކުރަމުންއަންނަ ދިވެހި މުއާސަލާތީ ޚިދުމަތްދޭ ކުންފުންޏެކެވެ.