އޮމިކްރޯން ވޭރިއަންޓްގެ ކްލަސްޓާއަކާ ގުޅުންހުރި ނުވަ ފަސިންޖަރެއް ފެނުމާއެކު، ހޮންގްކޮންގްގެ ކްރޫޒު ލައިނާއެއްގައި ހާހަކަށްވުރެ ގިނަ މީހުން ތާށިވެއްޖެ އެވެ.

ހޮންގްކޮންގްގެ ސިއްހީ އިދާރާތަކުން ބުނި ގޮތުގައި އެގައުމުގައި މިހާރު ފެތުރެމުންދާ އޮމިކްރޯން ވޭރިއަންޓް ކްލަސްޓާގެ ކޮންޓެކްޓް ޓްރޭސިންްގެ ތެރެއިން އެ ކްލަސްޓާއާ ސީދާ ގުޅުންހުރި ނުވަ މީހަކު ކްރޫޒްގައި ތިބިކަން ހޯދިފައިވާ ކަމަށެވެ.

އެކަން އިނގުމާއެކު އިދާރާތަކުން ވަނީ އާދީއްތަ ދުވަހު ދަތުރު ފެށި ރޯޔަލް ކެރީބިއަން ސްޕެކްޓޭޓްރަމް ގެ އެ ކްރޫޒް ލައިނާގެ ދަތުރު ވަގުތުން މެދުކަނޑާލައި ހޮންގްކޮންގްއަށް ބަނދަރު ކުރުމަށް އަމުރު ކޮށްފަ އެވެ.

އެހެން ކަމުން ބުދަ ދުވަހު ބޯޓު ހޮންގްކޮންގްގައި ބަނދަރުކޮށް ބޯޓުގައި ތިބި އެއް ހާހަށްވުރެ ގިނަ ފަސިންޖަރުން ކޮވިޑް 19އަށް ޓެސްޓު ކުރުމުގެ ކަންކަން މިހާރު ދަނީ ކުރިއަށެވެ.

މިކަމާ ގުޅޭގޮތުން ރޯޔަލް ކެރީބިއަންއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިދާރާތަކުގެ އަމުރު އައުމާއެކު އެ ނުވަ ފަސިންޖަރުން އެކަހެރިކޮށްފައިވާނެ ކަމަށާއި އިދާރާތަކާއެކު ވަރަށް ގާތުން މަސައްކަތް ކުރަމުން އަަންނަ ކަމަށެވެ.

ހޮންގްކޮންގްގައި ހަލުވި ކަމާއެކު ކޮވިޑް 19 ފެތުރެމުން ދާތީ ފިޔަވަޅުތައް ވަރުގަދަކޮށް މަދަނީ ގިނަ އިމާރާތްތަކެއް ވެސް އެގައުމުގެ އިދާރާތަކުން ވަނީ ބަންދު ކޮށްފަ އެވެ.