މަގުމަތީ ބާޒާރު ތޮއްޖެހިގެން ހިންގާތީ ހުއްޓާލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އަންގައިފި އެވެ.

އެ އެޖެންސީން މިރޭ ބުނީ ކޮވިޑްގެ ހާލަތު މާލެ ސަރަހައްދުގައި ގޯސްވަމުންދާތީ، މާލެ ސަރަހައްދުގައި މަގުމަތީ ބާޒާރުތަކާއި، ގިނަ މީހުން އެއްވާ އިވެންޓްތަކާއި ހަފްލާތައް ނުބޭއްވުމަށް، މިމަހުގެ ފަސްވަނަ ދުވަހު މާލެ ސިޓީ ކައުންސިލްއަށް އެންގި ކަމަށެވެ.

އަލުން އެ ހުއްދަ ދިނީ ވިޔަފާރި ކުރުމަށް ކަނޑައަޅާ ތަންތަން ދުރު ދުރުގައި ހުންނަގޮތަށް އަދި މީހުން ތޮއް ނުޖެހޭނެހެން ކުރިއަށް ގެންދިއުމަށް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

"ނަމަވެސް އިއްޔެ އިން ފެށިގެން ނައިޓް މާކެޓް ހިންގުމަށް ހަވާލުކޮށްފައިވާ ފަރާތުން އެކަމަށް ތައްޔާރުވުމަށް އަނބުރާ ނުލިބޭނެ ވަރަށް ގިނަ ޚަރަދުތަކެއް ކޮށްފައިވާތީ، ފިހާރަތައް ހިންގަން އެ އެޖެންސީއިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް، ވިޔަފާރި ކުރުމަށް ކަނޑައަޅާ ތަންތަން ދުރު ދުރުގައި ހުންނަގޮތަށް އަދި މީހުން ތޮއް ނުޖެހޭނެހެން ކުރިއަށް ގެންދިއުމަށް ދީފައިވާނެ،" އެ އެޖެންސީން ބުންޏެވެ.

އެކަމަކު އެ އެޖެންސީއިން ކުރި އިންސްޕެކްޝަންގައި ރަސްފަންނުގައި އެކަން ކުރިއަށްދަނީ މަގުމަތީ ބާޒާރެއް ގޮތަށް، އަދި މީހުން ތޮއްޖެހި ގައިދުރުކުރުމާއި މާސްކް އެޅުމަށް ސަމާލުކަންދީގެން ކަމަށް ނުވާތީ، އެ ބާޒާރު ކުރިއަށް ނުގެންދިއުމަށް ސިޓީ ކައުންސިލަށް އަނެއްކާ ވެސް މިއަދު އަންގާފައިވާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި މިވަގުތު ހަލުއިކަމާއެކު ފެތުރެމުންދާ އޮމިކްރޯން ރާއްޖެއިން ވެސް ފެނިފައިވާއިރު، ރާއްޖޭގައި ވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް މައްޗަށް ދާން ވަނީ ފަށައިފަ އެވެ. އެގޮތުން އިއްޔެ ވެސް 300 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެ އެވެ.