ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އެމްޓީސީސީއަށް ބުރިޖު އެޅުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އެމްޓީސީސީގެ ސީއީއޯ އާޒިމް މިހެން ވިދާޅުވީ ރޭ "ސަންގު ޓީވީ" އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އާޒިމް ވިދާޅުވި ގޮތުގައި ރައީސް ސޯލިހު ވަނީ ބްރިޖް އެޅުމުގެ މަސައްކަތާ ދިމާލަށް އެކުންފުނިން މިސްރާބު ޖެހުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ. އެހެން ކަމުން އެ އަމާޒު ހާސިލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އެކަން ހާސިލު ވެގެންދާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑެއް ޝައްކެއް ނުކުރަން އެމްޓީސީސީއަށް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެކި ސައިޒްގެ ބުރިޖު އެޅުމުގެ ގާބިލްކަން ނުއުފެއްދޭނެ ކަމާ ދޭތެރޭ. އެކަމަށް މަސައްކަތް ކުރަމުންދަނީ،" އާޒިމް ވިދާޅުވި އެވެ.

މިސަރުކާރުން ހިންގާ ގިނަ ބޮޑެތި މަޝްރޫއުތައް އަންނަނީ އެމްޓީސީސީއާ ހަވާލުކުރަމުންނެވެ. އެގޮތުން އެއާޕޯޓް އެޅުމާއި ބަނދަރު ހެދުމާއި މަގު ހެދުމުގެ މަޝްރޫއުތައް މިހާރުވެސް އަންނަނީ ކުރަމުންނެވެ. އަދި މީގެ އިތުރުން ބިން ހިއްކުމުގެ މަޝްރޫއުތައް ވެސް އެމްޓީސީސީއިން ކުރިއަށް ގެންދެ އެވެ.