ބޭންކް އޮފް މޯލްޑިވްސްއިން (ބީއެމްއެލް) އިން ދެ މިލިއަން ރުފިޔާގެ ސްޓާޓަޕް ގްރާންޓް ފަންޑެއް އިފްތިހާހުކޮށްފި އެެވެ.

މިއީ ނޮވެމްބަރު މަހު ފާހަގަކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ.

ބީއެމްއެލް ސްޓާޓަޕް ގްރާންޓަކީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ރާއްޖޭގައި އަލަށް ވިޔަފާރިއެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް އަމާޒުކޮށް ދެވޭ ހިލޭ އެހީއެކެވެ. ހުށަހެޅޭ ވިޔަފާރި ޕްލޭންތަކުގެ ތެރެއިން ހޮވާލެވޭ ހަތަރު ވިޔަފާރިއަކަށް 500،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ކާމިޔާބު ކަމާއެކު އެފަރާތެއްގެ ޕްލޭން އާ އެއްގޮތަށް ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިނޭންޝަލް ކޮންސަލްޓެންސީ ވެސް ބޭންކުން ފޯރުކޮށްދޭނެ އެވެ.

ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ ސްޓާޓަޕް ގްރާންޓަކީ ބޭންކުން ވިޔަފާރިތަކަށް އެހީ ފޯރުކޮށްދިނުމަށާއި ރާއްޖޭގެ ސްޓާޓަޕް ވިޔަފާރިތަކާ އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

"މި ޕްރޮގްރާމުގެ ޒަރިއްޔާއިން ސްޓާޓަޕް ކޮމިއުނިޓީ މެދުވެރިކޮށް ވަޒީފާ އުފައްދާ، އިތުރު ފުރުސަތުތައް ލިބުމަށް މަގުފަހިވެ މުޖުތަމައަށާއި އިގްތިސާދީ ވެއްޓަށް ހެޔޮ ބަދަލެއް ގެނެސްދޭނެ. ހޮވޭ ވިޔަފާރިތަކަށް އެ ފަރާތްތަކުގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ފައިނޭންޝަލް އެޑްވައިޒްވެސް ބޭންކުން ފޯރުކޮށްދޭނެ. އަޅުގަނޑުމެންގެ އުންމީދަކީ ވީހާވެސް ގިނަ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން މި ފުރުސަތުގެ ބޭނުންހިފައި ރާއްޖޭގެ ސްޓާޓަޕް ކަލްޗަރ އަށް އެހީވެދިނުން،" ސީއީއޯ ވިދާޅުވި އެވެ.

ސްޓާޓަޕް ގްރާންޓަށް އެޕްލިކޭޝަން ފޮނުމުގެ ސުންގަޑިއަކީ މާޗް 16 ވަނަ ދުވަހުގެ ރޭ 12:00 ގެ ކުރިންނެވެ. އެޕްލިކޭޝަން، އަދި ޝަރުތުތަކާއި ޕްރޮސެސް އާ ބޭހޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv/startup-grant އިން ލިބޭނެ އެވެ.

ބޭންކުން ވަނީ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ފުރަތަމަ ދެ ހަރަކާތެއްގެ ގޮތުގައި "ބީއެމްއެލް ސްކޮލާޝިޕް ފަންޑު" އަދި ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުތަކެއް ގެނައުމަށް އެހީވުމަށް ނިންމާފަ އެވެ.