ބިދޭސީންނަށް ހާއްސަކޮށްގެން "ހެލޯ ޕްރިޕެއިޑް"ގެ ނަމުގައި ހާއްސަ ޕްރިޕެއިޑް ޕްލޭނެއް ދިރާގުން މިއަދު ތައާރަފު ކޮށްފި އެވެ.

މި ޕްލޭން ދިރާގުން ހާއްސަ ކުރީ ރާއްޖޭގައި ދިރިއުޅޭ އިންޑިއާ، ލަންކާ، ފިލިޕީންސް، ނޭޕާލް، ތައިލެންޑް އަދި ޗައިނާގެ ރައްޔިތުންނަށެވެ. މި ޕްލޭން ނަގާ ކަސްޓަމަރުންނަށް އެ ގައުމަކަށް ހާއްސަ އޮފާތައް މުޅި އަހަރު ލިބޭނެ އެވެ.

މީގެ އިތުރުން މި ޕްލޭން ނަގާ ހުރިހާ ކަސްޓަމަރުންނަށް ވެސް ކޮމްބޯ ޕްލޭން އެކްޓިވޭޓް ކުރުމުން 25 ޕަސެންޓުގެ އިތުރު އެލަވެންސް ލިބޭނެ އެވެ. މި އެލަވެންސް ލިބޭނީ މާޗު 31ގެ ނިޔަލަށެވެ.

"ހެލޯ ޕްރިޕެއިޑް" ސިމްތައް ދިރާގުގެ މާލެ އާއި ހުޅުމާލޭގެ ސޭލްސް އެޖެންޓުންނާއި އެ ކުންފުނީގެ ކަސްޓަމާ ސާވިސް ސެންޓަރުތަކުން ލިބޭނެ އެވެ. އަދި މިހާރު ވެސް ޕްރިޕެއިޑް ސިމް ބޭނުން ކުރާ ކަސްޓަމަރުންނަށް "PKG HELLO" ޖެހުމަށްފަހު 444އަށް މެސެޖު ކުރުމުން ޕްލޭން ބަދަލުވާނެ އެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ ހިދުމަތްތައް ހުރިހާ ކަސްޓަމަރުންނަށް ވެސް ހަމަހަމަ ކަމާއެކު ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.