ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭނުންކުރާ ކަރަންޓު އިޔާދަ ކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަސައްކަތް ފެނަކައިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ފެނަކައިން ބުނީ އައްޑޫގައި 4.5 މެގަވޮޓުގެ ކަރަންޓު އުފެއްދޭނެ ސޯލާ ގްރިޑް ގާއިމުކުރަން ކުލިއާ ފިއުޗާ ސިނާޖީސް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން ގަން އެއާޕޯޓުގައި 2.5 މެގަވޮޓުގެ ކަރަންޓު އުފައްދައި ސޯލާ ގްރިޑް ގާއިމުކުރާނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ. މިއާއެކު ގަން އިންޓަނޭޝަނަލް އެއާޕޯޓް ވެގެންދާނީ ރާއްޖޭގައި އެންމެ ފުރަތަމަ މުޅިން އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ އެއާޕޯޓަށެވެ.

ފެނަކައިން އިތުރަށް ބުނީ، އެ މަޝްރޫއުގެ ދަށުން، އައްޑޫ، ހުޅުމީދޫގައި ބަހައްޓާ ސޯލާ ގުރިޑުން ކައިރި ރިސޯޓްތަކަށް ކަރަންޓް ދޭން ހަމަޖައްސާފައިވާ ކަމަށެވެ.

އައްޑޫގައި ހިންގާ މި މަޝްރޫއުގެ އަގު 10 މިލިއަން ޑޮލަރު (150 މިލިއަން ރުފިޔާ) އަށް ވުރެ މައްޗަށް އަރަ އެވެ.

ފެނަކައިން ބުނީ އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ހުޅުމީދޫގައި ގާއިމުކުރެވޭ ނިޒާމުން އެރަށާއި، އެސަރަހައްދުގެ ރިސޯޓްތަކަށްވެސް އިއާދަކުރަނިވި ހަކަތަ ފޯރުކޮށް ދިނުންކަމަށެވެ.

ފެނަކައިން ބުނީ މި މަޝްރޫއާއެކު އައްޑޫގައި ކަރަންޓު އުފެއްދުމަށް ކުރާ ހޭދައިގެ ގާތްގަނޑަކަށް އަހަރަކު 2.1 މިލިޔަން ލީޓަރުގެ ޑީސަލް އެންދުން މަދުކުރެވޭނެކަމަށެވެ. އަދި ޖައްވަށް ބޭރުވާ ވިހަ ގޭހުގެ ތެރެއިން އަހަރަކު 5,500 ޓަނު ކާބަންޑަ އޮކްސައިޑް ވެސް މަދުކުރެވޭނެ ކަމަށް ފެނަކައިން ބުންޏެވެ.