ރާއްޖޭގައި ގިނަ ރިސޯޓުތަކެއް އޮޕަރޭޓް ކުރަމުން އަންނަ ޔުނިވާސަލް ރިސޯޓް މެނޭޖްމަންޓުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) މަގާމަށް ދެ ބޭފުޅަކު ހަމަޖައްސައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް ކުންފުނީގެ ސީއޯއޯގެ މަގާމަށް ހަމަޖައްސާފައި ވަނީ ވިޝާ މާހިރާއި ޔުނިވާސަލްގެ އެއް ޑިރެކްޓަރު ޑރ. އިބްރާހިމް އުމަރު މަނިކުގެ ދަރިކަލުން ސަންޖޭ މަނިކު އެވެ.

ޔުނިވާސަލް ރިސޯޓްސްގެ ސީއޯއޯއަށް ހަމަޖެއްސި ވިޝާއަކީ ޓޫރިޒަމް އިންޑަސްޓްރީގެ 20 އަހަރުގެ ތަޖުރިބާ ލިބިފައިވާ، 2002 ވަނަ އަހަރުން ފެށިގެން ޔުނިވާސަލް އެންޓަޕްރައިސަސްގެ އެގްޒެކެޓިވް ޑިރެކްޓަރެކެވެ.

ސަންޖޭއަކީ ވެސް 2004 ވަނަ އަހަރުން ފެށިގެން ޔުނިވާސަލް އެންޓަޕްރައިސަސްގެ ޑިވެލޮޕްމަންޓް އަދި ޖޮއިންޓް ވެންޗާސް އެގްޒެކެޓިވް ޑިރެކްޓަރެވެ.

މިކަމާ ގުޅިގެން އެކުންފުނިން ނެރުނު ބަޔާނެއްގައި އެ ކުންފުނީގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވި މަގާމުތަކަށް ގެނެވުނު ބަދަލާއެކު މިދިޔަ 50 އަހަރުގެ ތެރޭގައި ލިބުނު ކާމިޔާބީ ކުރިއަށް އޮތް ތަނުގައި އިތުރުވެގެންދާނެ ކަމަށެވެ. އަދި ވިޝާ އާއި ސަންޖޭއަކީ ހޮސްޕިޓާލިޓީ އިންޑަސްޓްރީއަށް ވަރަށް ބޮޑު ޝައުގެއް ހުންނަ ދެ މީހުން ކަމަށާއި، ޔުނިވާސަލްގެ ރިސޯޓުތަކުން އަބަދުވެސް އެންމެ މަތީ ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދެމުން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ބައިވެރިންނަށް ކެރިއާ ޑިވެލޮޕްމަންޓަށް ވަރަށް ބޮޑެތި ފުރުސަތުތަކެއް ލިބި، އަޅުގަނޑުމެންގެ އޮޕަރޭޝަންތައް ތަރައްގީކޮށް، އަޅުގަނޑުމެންގެ ހުރިހާ ރިސޯޓެއްގައި ވެސް ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްތައް އެޑަޕްޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެކަމުގެ ޔަގީންކަން އެބޭފުޅުން ދެއްވާނެ،" މުހައްމަދު މަނިކު ވިދާޅުވި އެވެ.

މިހާރު ވެސް ޔުނިވާސަލް ރިސޯޓްސްއިން އަންނަނީ ރާއްޖޭގައި އަށް ރިސޯޓެއް ހިންގަމުންނެވެ. އެއީ ރާއްޖޭގެ އެންމެ ދުވަސްވީ ރިސޯޓު ކުރުނބާ އާއި ވެލައްސަރާއި ބަރޮހާއި މިލައިދޫގެ އިތުރުން ހުވަފެން ފުއްޓާއި ކުރަމައްޗާއި ދިގައްޔާއި ކަނދޮޅެވެ.