ދުނިޔޭގެ ބާާޒާރުގައި ސާފު ނުކުރާ ތެލުގެ އަގު ބޮޑުވަމުން ދަނިކޮށް، ރަޝިއާ އިން ޔުކްރެއިން ހިފުމާ ގުޅިގެން އެސްޓީއޯއިން ވިއްކާ ޕެޓްރޯލް ލީޓަރެއްގެ އަގު 14.60ރ. އަށް، ޑީސަލް ލީޓަރެއް 14.80ރ. އަށް މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.

އެސްޓީއޯ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނީގެ ދަށުން ހިންގާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މިއަދުން ފެށިގެން ޕެޓްރޯލް ލިޓަރެއް ވިއްކާނީ 14.60ރ. އަށް ކަމަށެވެ. ޑީސަލް ލިޓަރެއްގެ އަގަކީ 14.80ރ. އެވެ.

އެފްއެސްއެމުން ވިއްކާ ތެލުގެ އަގު އެންމެ ފަހުން ބޮޑުކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ 13 ގަ އެވެ. އެ ފަހަރު ޕެޓްރޯލް ލިޓަރެއްގެ އަގު ބޮޑުކުރީ 12.98ރ އަށެވެ. ޑީސަލް ލިޓަރެއްގެ އަގު އޭރު އުފުލުނީ 13.04ރ އަށެވެ.

މިއީ މިއަހަރު ފެށުނު ފަހުން އެސްޓީއޯއިން ތެލުގެ އަގު ބޮޑުކުރި ތިންވަނަ ފަހަރެވެ. އެ ކުންފުނިން މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ތެލުގެ އަގު ބޮޑުކުރުމަށްފަހު އޭގެ ފަހުން ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ވެސް ވަނީ އަގު ބޮޑުކޮށްފަ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ އެސްޓީއޯ އިން ބުނީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް ހުއްޓުމެއް ނެތި، ދެމެހެއްޓެނިވި ގޮތަކަށް ދިނުމަށް ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 119 ޑޮލަރަށް އަރައިފަ އެވެ.

ރަޝިއާއިން ކުރަމުންދާ ހަނގުރާމައާ ގުޅިގެން ކުރިޔަށް އޮތްތަނުގައި ވެސް ތެލުގެ އަގު އުފުލި، ދުނިޔޭގެ އިގްތިސާދީ ދުވެލި ވެސް މަޑު ޖެހޭނެ ކަމަށް އިގްތިސާދީ ތަޖުރިބާކާރުން ލަފާކުރެ އެވެ.