ސެޓެލައިޓުން ހިދުމަތް މެދުކަނޑާލުމުން ރަޝިއާގެ އާރުޓީ (ރަޝިއާ ޓުޑޭ) ޗެނަލް ދެއްކުން މީޑިއާ ނެޓުން ހުއްޓާލައިފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީގެ ހިދުމަތް ދެމުން އަންނަ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު އަހުމަދު ނަބާހު "ހުރިހާ"އާ ވާހަކަދައްކަވަމުން ވިދާޅުވީ އެ ކުންފުނިން އާރުޓީ ޗެނަލް ދައްކަނީ އޭޝިއާ ސެޓް ކިޔާ ސެޓެލައިޓެއް މެދުވެރިކޮށް ކަމަށެވެ. އަދި އެ ސެޓެލައިޓުން އާރުޓީ ދެއްކުން މެދުކަނޑާލާފައިވާތީ މިވަގުތު އެ ޗެނަލް ދެއްކޭނެ ގޮތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭޝިއާ ސެޓް ސެޓެލައިޓަކީ ބްރިޓިޝް ވާޖިން އައިލެންޑްގައި ރަޖިސްޓްރީކޮށްފައިވާ ބޮވެންވޭލް ލިމިޓެޑް ކިޔާ ކުންފުންޏެއްގެ ސެޓެލައިޓެކެވެ. މި ކުންފުނި ހޮންކޮންގް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓް ވެސް ކޮށްފައިވެ އެވެ.

"އަޅުގަނޑުމެންނަށް އެ ސެޓެލައިޓު ހިންގާ ކުންފުނިން އެއްވެސް ނޯޓިސްއެއް ނުލިބޭ. އަޅުގަނޑުމެންނަށް ލަފާކުރެވެނީ އެއީ ރަޝިއާ ބޮއިކޮޓްކުރުމުގެ ގޮތުން އެ ސެޓެލައިޓް ހިންގާ ކުންފުނިން އެޅި ފިޔަވަޅެއް ކަމަށް،" ނަބާހް ވިދާޅުވި އެވެ.

ރަޝިއާ ޓުޑޭ (އާރުޓީ) އަކީ ރަޝިއާ ސަރުކާރުން ހަރަދުކޮށްގެން ހިންގާ ސަރުކާރުގެ މީޑިއާ ކުންފުނީގެ ޗެނަލެކެވެ.

ރަޝިއާއިން ޔުކްރެއިނަށް ހަމަލާދޭން ފެށުމާ ގުޅިގެން އެމެރިކާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކުން ރަޝިއާގެ ސަރުކާރާ ގުޅުން އޮންނަ ޓީވީ ޗެނަލްތައް ބޮއިކޮޓްކޮށްފައިވެ އެވެ. އެ ޗެނަލްތައް ފޭސްބުކް އާއި ޓުވިޓާ، ޔޫޓިއުބް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ހިދުމަތް ދިނުން މެދުކަނޑާލާފައިވެ އެވެ.