ޔޫއޭއީގެ މަޝްރޫހު ގަލްފް ކްރާފްޓް ކުންފުނިން މާލެ އަތޮޅު ފަޅެއް ހިއްކައި ހަ ރަށެއް ތަރައްގީކުރަން ނިންމައިފި އެވެ.

ފުޅާ ދާއިރާއެއްގައި ލަގްޒަރީ ޔޮޓާއި ފައިބަރުން ލޯންޗު ފަހަރު ބަންނަ ގަލްފް ކްރާފްޓުން ވަނީ ފަޅެއްގައި ވަކިން ހަ ރަށެއްގެ ބިން ހިއްކުމަށް ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ސާސް އީ ކުންފުންޏާ އިއްޔެ ހަވާލުކޮށްފަ އެވެ. މި މަޝްރޫއުގެ މަސައްކަތް 2023 ވަނަ އަހަރު ނިމޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ތިލަފުށީގައި ހުންނަ ގަލްފް ކުރާފްޓުގެ މޯލްޑިވްސްގެ ބޯޓު ޔާޑުގައި ބޭއްވި އެއްބަސްވުމުގައި ގަލްފް ކުރާފްޓުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗެއާމަން މުޙައްމަދު ހުސެއިން އަލްޝާލީ އެވެ. އަދި ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓު ލިމިޑެޓުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައުދުﷲ އަޙްމަދު އެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގަލްފް ކްރާފްޓުގެ ޗެއާމަން އަލްޝާލީ ވިދާޅުވީ މި މަޝްރޫއާއެކު ގިނަ ދިވެހިންނަކަށް މީގެން ފައިދާތައް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަަމަށެވެ.

ގަލްފް ކުރާފްޓުގެ ޗެއާމަން މުހައްމަދު ހުސެއިން އަލްޝާލީ ނޫސްވެރިންނާ އިއްޔެ ވާހަކަދައްކަވަނީ. ފޮޓޯ: ގަލްފް ކްރާފްޓް

"ރާއްޖޭގައި ހިދުމަތްދޭތާ މިހާރު 20 އަހަރު ވެއްޖެ، މި މަޝްރޫއާ އެކު ރާއްޖެއަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރަން، އަދި މި މަސައްކަތް މިހާ ހިސާބަށް ގެނައުމުގައި ގިނަ ބައެއްގެ އެހީތެރިކަންވަނީ ލިބެންގޮސްފައި، ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު އަދާކުރަން ބޭނުން،" އޭނާ ވިދާޅުވި އެވެ.

މި މަޝްރޫއުގެ ދަށުން ހިއްކާ ރަށްތަކުގައި ބޯޓު ބަނުމަށް ގަލްފް ކްރާފްޓުގެ ފެކްޓްރީއެއް ހެދުމާއި ސަފާރީ އަދި ޔޮޓުތަކަށް ހާއްސަ ޔޮޓު މެރީނާއެއް ތަރައްގީކުރުމާއި މެރީޓައިމް ސްކޫލެއްގެ އިތުރުން ޓޫރިސްޓުންނަށް އަމާޒްކޮށްގެން މަތީފަންތީގެ ރިސޯޓެއް ވެސް މިތަނުގައި ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ގަފްލް ކުރާފްޓުން މިހާރު ވެސް ތިލަފުށީގައި ހުންނަ އެކުންފުނީގެ ބޯޓު ޔާޑުގައި މަތީފެންވަރުގެ ލޯންޗް ބަނެ ރާއްޖޭގެ ބާޒާރަށާއި މި ސަރަހައްދުގެ އެހެން ގައުމުތަކުގެ ބާޒާރުގައި ވިއްކަ އެވެ.