ޔުކްރެއިން ރަޝިޔާ ހަނގުރާމައަށް ފަހު ރާއްޖޭގެ ފަތުރުވެރިކަމުގައި ރަޝިޔާ މާކެޓު 70 ޕަސެންޓް ދަށްވެފައި ވާތީ އިންޑިޔާ މާކެޓް އަލުން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ކޮވިޑަށް ފަހު ފަތުރުވެރިކަން އިޔާދަކުރަން ފަށައިގަތްއިރު ރަޝިޔާ މާކެޓަކީ ވަރަށް މުހިއްމު މާކެޓަކަށް ވެފައި އޮތްކަން ފާހަގަކުރައްވާ މެމްބަރު މުޣްނީ ކުރެއްވި ސުވާލަކީ ރަޝިޔާ މާކެޓް މިހާރު އެ އޮތް ހާލަތުން އަރައިގަތުމަށް އެހެން މާކެޓްތައް ހޯދުމަށް ކިހާވަރެއްގެ މަސައްކަތެއް ކުރެވޭތޯ އެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މައުސޫމް ވިދާޅުވީ ރަޝިޔާ މާކެޓުގައި މިހާތަނަށް 70 ޕަސެންޓުގެ ގެއްލުމެއް ވެއްޖެކަމަށާއި އިތުރު މާކެޓެއް ހޯދަން މަސައްކަތް ކުރަނީ ގެއްލުމެއް ލިބުމާއި ގުޅިގެން ނޫން ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި އެއްވެސް ބަޔަކު އަތް އުރާލައިގެން ނުތިބޭނެކަން ފާހަގަކުރައްވާ ޑރ. މައުސޫމް ވިޑާޅުވީ މާކެޓްތައް ކުރިއަރުވަންށާއި އިތުރު މާކެޓް ހޯދަން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހަނގުރާމައިގެ ކުރިން ރަޝިއާ ޔުކްރޭން މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ 20 އިންސައްތަ ހިއްސާ ކުރާ މާކެޓެއް ކަމަށެވެ. އެހެންކަމުން އެ މާކެޓުން ލިބެމުންދާ ބޮޑު ގެއްލުމާއެކު އިތުރު މާކެޓް ހޯދުމަށް ވަރުގަދައަށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓް ލީޑް ކުރީ އިންޑިއާ އިން ކަމަށްވާތީ އެ މާކެޓް އަލުން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. މިވަގުތު އިންޑިއާ މާކެޓް ހިއްސާކުރަނީ 10.9 ޕަސަންޓް ކަމަށް ވެސް ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ މިއަހަރު ރާއްޖެ އަށް ޒިޔާރަތް ކުރާނެ ކަމަށް ބެލެވޭ ފަތުރުވެރިންގެ އަދަދު ކަނޑައަޅާފައިވާނީ ކުރިން ރާއްޖެއަށް އެންމެ ގިނަ އިން ފަތުރުވެރިން އައިސްފައިވާ ޗައިނާގެ ފަތުރުވެރިންނަށް ވެސް ބަލައިގެން ކަމަށެވެ. އަދި ކޮވިޑަށް ފަހު ޗައިނާ މިއަހަރު އަލުން ހުޅުވާލުމާ އެކު އެ މާކެޓުން އެކަށީގެންވާ އަދަދެެއްގެ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.