ފުޅީގައި ބަންދުކުރި ފެން މާލޭގެ އެކި ތަންތަނަށް ފޯރުކޮށްދިނުމުގައިކުރިއަށް އޮތްތަނުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމަށާއި ފެން ސަޕްލައިކުރުމުގައި ދިމާވި މައްސަލަ ހައްލުކޮށްފައިވާ ކަމަށް އެމްޑަބްލިއުއެސްސީން މިއަދު ބުނެފި އެވެ.

އެމްޑަބްލިއުއެސްސީން އުފައްދާ "ތާޒާ" ފެން މި ރޯދަމަހުގެ ފުރަތަމަ ދެ ދުވަހު ފޯރުކޮށްދިނުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ މާލޭގައި ފެން ފޯރުކޮށްދިނުމުގައި ދަތިތަކެއް ދިމާވީ ރޯދަމަހާ ގުޅިގެން މާލޭގެ ޓްރެފިކަށް ގެނައި ބަދަލުތަކެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް ސަރުކާރާ ވާހަކަދައްކައިގެން އެކަންކަމަށް މިހާރު ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ފެން ލިބުމުގައި ދަތިކަމެއް ނޫޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޕިކަޕްތައް ނުނެރެވުމުން ޑެލިވަރީއަށް ދަތިތަކެއް ނުވަތަ ތާށިތަކެއް މިއުޅެނީ. އަޅުގަނޑުމެންނަށް އެކަންޏެއް ނޫން ހަމަ އެހެން ކުންފުނިތަކަށް ވެސް މި ދަތިތައް ދިމާވި. އެހެން ނަމަވެސް މިހާރު ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނުގަ އަޅުގަނޑުމެންގެ ޕިކަޕްތަކަށް ބޭނުންކުރެވޭނެ ފެން ޑެލިވަރީއަށް ހަމައެކަނި ހަވީރު 4:30 ފެށިގެން ރޭގަނޑު 8:00 އާދޭތެރޭ ފިޔަވައި ދެންހުރި ހުރިހާ ގަޑިއެއްގައި،" ޕީއެސްއެމްއަށް ޝާހު ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ އެމްޑަބްލިޔުއެސްސީން އުފައްދާ ތާޒާ ފެނުގެ ރަނގަޅު ސްޓޮކެއް އެބަހުރި ކަމަށެވެ. އަދި ރޯދަމަހު އެއްވެސް ދަތިކަމެއް ނެތި ފެން ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފިހާރަތަކާއި، ކެފޭ ރެސްޓޯރެންޓްތަކަށް ފަސޭހަކަމާއެކު ފެން ފޯރުކޮށްދެވުނު ނަމަވެސް ގޭބީސީތަކަށް ފެން ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އެއީ ގޭގެއިން މީހުންނާ ދިމާވާ ދަތިތަކުގެ ސަބަބުންކަން ޝާހު ފާހަގަކުރެއްވި އެވެ. އަދި މިކަމަށް ހައްލެއްގެ ގޮތުން ގޭބީސީތަކުން ފެން ހޯއްދެވުމުގައި ފިހާރަތަކަށް ބޮޑަށް ބަރޯސާވުމަށް އޭނާ ވިދާޅުވި އެވެ.

"ގޭބީސީތަކުން ފެން ހޯއްދެއްވުމުގައި ފިހާރަތަކަށް ބޮޑަށް ބަރޯސާވެ ފިހާރަތަކުން ފެން ނެންގެވިއްޔާ ވެސް އައިބީއެމްއާ ހަމަ އެއް ރޭޓެއްގައި ލިބިގެންދާނެ. އަނެއްކާ ފިހާރަތަކުން ވެސް ގޭގެއަށް ވެސް ޑެލިވާކޮށްދޭނެ،" ޝާހު ވިދާޅުވި އެވެ.

"ތާޒާ" ފެނުގެ ފަސް ލީޓަރުގެ ފެން އުފައްދަނީ މާލޭގައި ހުންނަ އެމްއައިބީ ކާރުޙާނާއިންނެވެ. އެހެން ނަމަވެސް "ތާޒާ" ފެނުގެ އެހެން ސައިޒްތަކުގެ ފުޅި އުފައްދަނީ ހުޅުމާލޭގައި ހުންނަ އެމްޑަބްލިއުއެސްސީގެ ކާރުޙާނާއިންނެވެ.