މި އަހަރުތެރޭގައި އިތުރު 14 ރިސޯޓެއް ހުޅުވާނެކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މިހެން ވިދާޅުވީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެމްބަރު ރިޔާޒު ވަނީ ރާއްޖޭގެ ޓޫރިޒަމްއަށް 50 އަހަރު ފުރިގެންދާއިރު މިހާތަނަށް ތ.އަތޮޅުގައި އޮތީ އެންމެ ރިސޯޓެއްކަން ފާހަގަކުރައްވާފަ އެވެ. އަދި އެ އަތޮޅުގައި އިތުރު އެންމެ ރިސޯޓެއް ނަމަވެސް ތަރައްގީ ކުރެވޭނެތޯ ރިޔާޒު ސުވާލު ކުރެއްވި އެވެ.

މެމްބަރު ރިޔާޒުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު މައުސޫމް ވަނީ ނިމިދިޔަ އަހަރު ހަތް ރިސޯޓެއް ހުޅުވުނު ކަމަށާއި، ނަމަވެސް ކަން ދިމާކުރި ގޮތުން ތ.އަތޮޅުގައި ރިސޯޓެއް ތަރައްގީ ނުކުރެވުނުކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މި އަހަރުގެ ތެރޭގައި 14 ރިސޯޓެއް ތަރައްގީކުރެވޭނެކަމަށް ލަފާކުރާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އަދި އެއާއެކު 3742 އެނދު ނެރެވޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިއަހަރު ހުޅުވާ ރިސޯޓުތަކުގެ ތެރޭގައި ތ.އަތޮޅުގައި ރިސޯޓެއް ތަރައްގީކުރުމަށް ނުހިމެނުނު ކަމުގައިވީނަމަވެސް ހޯމް ސްޓޭ މޮޑެލްގެ ދަށުންނާއި ގެސްޓު ހައުސްތައް ހިމަނައިގެން އެއަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވޭނެ ގޮތެއް މިނިސްޓްރީން ހަމަޖައްސަވައިދެއްވާނެ ކަަމަށެވެ.