ހޫނު މޫސުމާ ދިމާކޮށް ރަށްރަށުން ފެނަށް އޮންނަ ޑިމާންޑް އިތުރުވުމުން، ފުޅީގައި ފެން ބަންދުކުރާ ކުންފުނިތަކުން ފެން ފުޅި ލިމިޓްކޮށްގެން ވިއްކަން ފަށައިފި އެވެ.

އެންމެ ބޮޑު ޑިމާންޑެއް އޮންނަ "ތާޒާ" ބްރޭންޑްގެ ފެން ފުޅި އާއި "ލައިފް" ފެން ފުޅި މިއަދުން ފެށިގެން ވިއްކަނީ ލިމިޓްކޮށްގެންނެވެ.

މިކަމާ ގުޅިގެން ތާޒާ ފެން އުފައްދާ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްއިން ބުނީ މާލެ ސަރަހައްދުގައި ފަސް ލިޓަރު ފެން ފުޅި ވިއްކާ އަދަދު ލިމިޓްކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް މާދަމާއިން ފެށިގެން އެއްވެސް ލިމިޓްނުކޮށް ފެން ވިއްކަން ފެށޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްއިން ބުނީ ޑިމާންޑާ އެއްވަރަށް ފެން ފުޅި އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

ލައިފް ބްރޭންޑްގެ ފެން އުފައްދާ ހެޕީ މާކެޓްގެ އޮފިޝަލަކު ވެސް ވިދާޅުވީ އެކުންފުނިން އުފައްދާ ފެނުގެ ޑިމާންޑް މިދުވަސްވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

މިދުވަސްވަރު ހޫނު ގަދަވެ ފެނުގެ ޑިމާންޑް އުފުލިފައިވާއިރު، މެޓް އޮފީހުން ވެސް ވަނީ މި މަހަކީ ރާއްޖެއަށް މި އަހަރުގެ އެންމެ ހޫނު ދުވަސްވަރު ކަމަށް ބުނެފަ އެވެ.

ކޮންމެ އަހަރަކު ވެސް މި ދުވަސްވަރު ބައެއް ރަށްރަށުން ފެން ހުސްވެ ފެނަށް ވެސް ޖެހެ އެވެ.