މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 500،000 އާ ކައިރިކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރު ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިމަހު 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 498،235 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. އެއީ މިދިޔަ އަހަރާއަޅާބަލާއިރު 45.3 ޕަސަންޓް އިތުރު އަދަދެކެވެ.

މިއަހަރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވަނީ އިނގިރޭސިވިލާތުންނެވެ. އެގޮތުން އިނގިރޭސިވިލާތުން މިއަހަރުގެ މިހާތަނަށް 65،683 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރިއިރު، ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުންގެ ޒިޔާރަތް ކުރީ އިންޑިއާއިންނެވެ. އެ ގައުމުން ރާއްޖެއަށް 54،532 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.

ދެން އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުތަކުގެ ތެރޭގައި ހިމެނެނީ ރަޝިޔާ، ޖާމަނީ، އިޓަލީ، އެމެރިކާ އަދި ފްރާންސެވެ.

ތަފާސްހިސާބުތަކުގައިވާ ގޮތުގައި ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ 5،133 އަށް އަރައިފަ އެވެ. މިދިޔަ ހަފްތާ އެކަނި ރާއްޖެއަށް ވަނީ 66،724 ޓޫރިސްޓުން އައިސްފަ އެވެ.

ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތްދިނުމަށް 1،172 ތަނަކަށް ޓޫރިޒަމް މިނިސްޓްރީން ހުއްދަދީފައިވާއިރު އޭގެ ތެރެއިން މިހާރު ޓޫރިސްޓުންނަށް ހިދުމަތްދެމުންދަނީ 970 ތަނަކުންނެވެ. އެތަންތަނުގައި ޖުމްލަ 54،662 ޓޫރިސްޓް އެނދު ހުރި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.