ގދ. ވާދޫގައި މިއަދު ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ހުޅުވައި، ހިދުމަތް ދޭން ފަށައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބުނީ މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

މި އޭޓީއެމް ސެންޓަރުގެ ހިދުމަތާއެކު މިވަގުތު ގދ. އަތޮޅު ތިނަދޫ އަދި ގައްދޫގައި ސެލްފް ސާވިސް ބޭންކިންއާއެކު ގާއިމްކޮށްފައިވާ ދެ ބްރާންޗް މެދުވެރިކޮށް ބީއެމްއެލްގެ ހިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ފަރެސްމާތޮޑާ އަދި ވާދޫގައި ދަނީ ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް ގާއިމުކޮށް، ހިދުމަތް ދެމުންނެވެ.

ބީއެމްއެލް އިން ގދ. ވާދޫގައި ހެދި ސެލްފް ސާވިސް ބޭންކިން ސެންޓަރުގެ އޭޓީއެމް އިން މީހަކު ފައިސާ ނަގަނީ. ފޮޓޯ: ބީއެމްއެލް

ބީއެމްއެލް ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިން ވިއުގަ ފުޅާކޮށް ބޭންކިން ހިދުމަތްތައް ރާއްޖޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެ ބޭންކުގެ ޓީމުތަކުން އަންނަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުން ކަމަށެވެ.

"އަޅުގަނޑުމެންގެ ނެޓްވޯކްގައި 140 އާ ގާތްކުރާ އަދަދަކަށް އޭޓީއެމް ހިމެނޭއިރު، މުޅި ރާއްޖެއަށް އޭޓީއެމް މެދުވެރިކޮށް ބޭންކިން ހިދުމަތްދޭ ހަމައެކަނި ބޭންކުގެ ގޮތުގައި ބީއެމްއެލް ވެގެންދާކަމީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް،" ޓިމް ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 81 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 139 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.